ރިސޯޓުތަކުގެ އިސް މަގާމުތަކަކީ ދިވެހިންނަށް އެކަނި އަދާކުރެވޭ މަގާމުތަކަކަށް ހެދުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން:

  • ރާއްޖޭގެ ރިސޯޓުތަކުގައި މެނޭޖަރުންގެ ގޮތުގައި ގިނައިން ތިބީ ބިދޭސީން
  • އެފަދަ މަގާމުތަކަށް ބޭނުންވާނެ ދިވެހިން ތަމްރީނުކުރުމަށް ފުރިހަމަ ނިޒާމެއް ގާއިމްކުރެވިފައި ވާން ވާނެ

ގަރާރު ހުށަހަޅުއްވައި ޖާބިރު ވިދާޅުވީ، ރިސޯޓުތަކުގެ މެނޭޖަރުންނާއި، ހިއުމަން ރިސޯސް މެނޭޖަރުންނާއި، ޗީފް އެކައުންޓަންޓުން ފަދަ ވަޒީފާތައް އިސްވެ އަދާކުރަން ޖެހޭނީ ދިވެހިން ކަމަށެވެ.

އޭނާ އޭރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، އެފަދަ މަގާމުތަކުގައި ބޮޑު މުސާރައިގައި ބިދޭސީން ތިބުން ނިމުމަކަށް ގެނައުމަށް ބަހުސްކޮށް، މެންބަރުން ދެކޭ ގޮތް ހާމަކުރުން މުހިންމެވެ.

ޖާބިރުގެ ގަރާރު މަޖިލިހަށް ބަލައިގަތުމާ މެދު މެންބަރުން ވޯޓު ދެއްވުމަށް ރިޔާސަތުން އެންގުމުން، އެ ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 28 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.