ނުކުޅެދުންތެރިކަން ހުރި މީހަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ލ. ކަލައިދޫ، ޑޭޒީމާގެ، އަހްމަދު ޝާރިކް 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ޝާރިކްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ، އޭނާއާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އެ ދައުވާއަށް ޝާރިކް ވަނީ އިންކާރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ޖިންސީ ކުށުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އަހްމަދު ޝާރިކްގެ މައްޗަށް ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ އޭނާއާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅާ ކަމަށެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޝާރިކް 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާނެވެ. މިއީ 2020 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެވެ.