ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން"ނަލަ ވެށި" ކެމްޕެއިންގެ ދަށުން އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި މި ހަރަކާތް ފައްޓަވާ ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާތިރް އަބްދުލް ރަހްމާން ކަމަށެވެ.

މި ހަރަކާތުގެ އިތުރުން ހދ.ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި މިމަހު އެއްވަނަ ދުވަހުން 3 ވަނަ ދުވަހަށް ތިމާވެށްޓާއި މެދުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

"ނަލަ ވެށި" ކެމްޕެއިންގެ ދަށުން ކުޅުދުއްފުށީގައި ހިންގި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ: އެމްޑަބްލިއުއެސްސީ

މިގޮތުން، ކުޅުދުފުށި ސިޓީ ކައުންސިލް އާ ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ސާފުކޮށްފައިވާނެ ކަމަށާއި މި ހަރަކާތުގައި ކުޅުދުއްފުށީގެ 20 އަކަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާއަތްކުން ބައިވެރިވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއުއެސްސީން ބުނީ، މި ހަރަކާތަށް އާންމުގެ ބޮޑު ތަރުހީބެއް މި ހަރަކާތްތަކަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި އަދި ސާފު ބޯފެނާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، އަދި "ފެން ފިޔެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ​

"ނަލަ ވެށި" ކެމްޕެއިންގެ މަގްސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުން ކަމަށާއި އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެކުންފުނީގެ އޮޕަރޭޝަންތަކުގައި ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށް ވުން ކަމަށް އެކުންފުނިން ބުނެއެވެ.