މަޖިލީހުގެ އިޖުރާތު ކުރިއަށް ގެންދަވާނެ ގޮތް އެނގިވަޑައިގަންނަވާނީ ރިޔާސަތަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް އަންގަވައިފިއެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ މިހާރު މަޖިލީހުގައި ހިނގަމުންދާއިރު ރިފްއަތު ވިދާޅުވީ މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި ދެކުނުގެ އީޒެޑުގެ މައްސަލަ ކާމިޔާބުކޮށް އެ މައްސަލަ މެންބަރުންނަށް ސާފުކޮށްދިނުމަށް ފުރުސަތު ލިބިވަޑައިގެންނެވީތީ ކަމަށެވެ.
ދެކުނުގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާ ފުށުއަރާ މައްސަލަ އިޓްލޮސް ނިންމީ މިދިޔަ އޭޕްރީލްގައި ކަމަށްވާއިރު އެ މައްސަލަ ނިމުނުއިރު މޮރިޝަސް ސަރުކާރުން ދިން ރަން މެޑައްޔެއް، ލަގަބެއް އަދި އިއްޒަތެއްވެސް ނެތް ކަމަށް ރިއްފަތު ވިދާޅުވިއެވެ. އަދި ޑޮލަރުލާން ހުޅުވީ އެކްސްކްރޯ އެކައުންޓެއްވެސް ނޯންނާނެ ކަމަށެވެ.
ރިފްއަތު ވަނީ ދުވަހަކުވެސް ހިޔާނާތްތެރި ނުވާކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވާފައެވެ. އަދި އެ މައްސަލާގައި މީގެ ކުރީގެ ބަންޑާނައިބުން ވެފައިވާ އިހުމާލުވެސް އިންތިހާއަށް ބޮޑު ކަމަށާއި އެ މައްސަލާގައި ރިއްފަތު އިސްކުރެއްވީ ދިވެހި ދައުލަތުގެ މަތީ މަސްލަހަތު ކަމަށްވެސް ވިދާޅުވިއެވެ.
އެއާކު ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އާދަމް ޝަރީފް ވަރަށް ގިނަ ސުވާލުތަކެއް ކުރެއްވި ކަމަށެވެ. އަދި މެންބަރުންނަށާއި ކުރިން ވެރިކަން ކުރެއްވި ވެރިންނަށް "އެޓޭކްކުރަން" އޮތް ފުރުސަތެއް ނޫން ކަމަށާއި މި ފުރުސަތުގައި ވާހަކަދެއްކެވޭނީ މެންބަރު ހުށަހެޅި ކަންތައްތަކާ ދޭތެރޭ އެކަނި ކަމަށާއި އިތުރު ކަންކަމާ ދޭތެރޭ ވާހަކަދެއްކޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ހުށަހެޅުއްވި މައްސަލައަށް ޖަވާބު ދާރީވުމަށް ރިފްއަތުއަށް ފުރުސަތު ދެއްވާފައެވެ.
ރިފްއަތު ވިދާޅުވީ މަސައްކަތކުރައްވަނީ އެ މައްސަލައާ ގުޅިގެން ގާނޫނު އަސާސީއިން ލިބިދީފައިވާ ދިފާއު ހުށަހެޅުމަށް ކަމަށާއި އެއްގޮތަކަށް މި މައްސަލައަކީ ވަޒީރާ ސުވާލުކުރުމަށް ހިންގޭ އިޖުރާތެއް ނޫން ކަމަށެވެ.
އެކަމަށް ރައްދުދެއްވާ ނަޝީދު ވިދާޅުވީ މިތަނުގެ އިޖުރާތު ހިފަހައްޓާނީ އެމަނިކުފާނު ކަމަށާއި މަޖިލީހުގެ އިޖުރާތު ކުރިއަށް ގެންދާނެ ގޮތް އެނގިވަޑައިގަންނަވާނީ މަޖިލީހުގެ ރިޔާސަތަށް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން ބަލަހައްޓާ އިޖުރާތާ އެއްގޮތަށް ކުރިއަށްގެންދެވުމަށް ރިއްފަތަށް ނަޝީދު ވަނީ ފުރުސަތުދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިފްއަތުގެ މައްސަލަ ބެލުމަށް އެޖެންޑާ ކުރި މިއީ 2 ވަނަ ފަހަރު ކަމަށް ވާއިރު ރިފްއަތު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ. މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.
ރިފްއަތު ވިދާޅުވެފައި މިއަދު މަޖިލީހަށް ހާޒިރުވެފައި ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ހުށަހެޅުން ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައަކަށްވެފައި އެ މައްސަލައިގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ވާޖިބު އަދާ ކުރައްވުމަށް ކަމަށެވެ. އަދި ރިފްއަތު އަމަލުކޮށްފައިވާ ގޮތާބެހޭ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންގޮސްފައިވާތީ، އެކަން ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 11 ވަނަ ދުވަހު، 13 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ސޮޔާއެކުވެ.
ބަންޑާރަނައިބުގެ އިތުރުން، ރާއްޖެ މޮރިޝަސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ އަންނަ އަންގާރަ ދުވަހަށް ޝާހިދުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.