ވިލިމާލޭ ފަޅުން ނުކުތް ތެޔޮބޯޓެއްގައި ދިޔަ ކަމަށް ބުނާ މުހައްމަދު ލިޓަން މަރާލި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މުހައްމަދު ނިޒާމު ޝަރުތުތަކާއެކު ދޫކޮށްލަން ދިފާއީ ވަކީލު އެދުނު ނަމަވެސް އޭނާގެ ބަންދު ދަމަހައްޓައިފިއެވެ.

މި މައްސަލާގައި ނިޒާމުގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު ދިފާއީ ވަކީލު ވަނީ ޝަރުތުތަކާއެކު ނަމަވެސް ނިޒާމް ބަންދުން ދޫކޮށްލަ ދިނުމަށް އެދިފައެވެ. އެހެންނަމަވެސް ދައުލަތުން ވަނީ ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ކުށުން މުޖުތަމައުގެ ސަލާމަތާއި ނުރައްކަލެއް އަންނާނެ ކަން ފާހަގަކޮށް އެ ކުށަކީ ޖިނާއީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމަށް ބުނެފައެވެ. އަދި އެ ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭތީ ނިޒާމުގެ ބަންދު ދަމަހައްޓާ، އޭނާގެ ޝަރީއަތް ވީހާވެސް އަވަހަކަށް ނިންމައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ނިޒާމު ބުނީ ކަސްޓޯޑިއަލް ޖަލެއްގައި ހުންނަ ޖެހޭތީ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށާއި މީގެ ކުރިން ސައިކަލު އެކްސިޑެންޓެއްގައި ކަކުލު ހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮވެ، ތެދުވަން އުނދަގޫ ކަމަށެވެ. އަދި ނިޒާމް ވަނީ އެހެން މައްސަލައެއްގައި އޭނާއަށް ހުކުމެއްކޮށްފައިވާ ކަމަށާއި އެ ހުކުމް ތަންފީޒުކުރުމަށް ފުރުސަތު ނުދީ، ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑު މިހާރު ނުބޭއްވޭނެއެއްނޫންތޯ މިތާ ކަސްޓޯޑިއަލް ޖަލެއްގައި. އަޅުގަނޑަކީ ކަސްޓޯޑިއަލްގައި ބާއްވަން ޖެހޭ މީހެއް ނޫނެއް ނޫންތޯ"
މުހައްމަދު ނިޒާމު

ދައުލަތުން ބުނީ ދިފާއުން ފާހަގަކުރި ކަންތައްތަކާ ގުޅިގެން އިތުރަށް ސާފުކުރަން ޖެހޭ ކަމަށާއި މި ވަގުތު ނިޒާމް ހުރީ މި މައްސަލާގައި ކުރިންވެސް ނެރުނު އަމުރުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ. އަދި އިތުރު ހުކުމެއް އޮތްތޯ ބަލާ ސާފުކުރުމަށް ފަހު އެ ހުކުމް ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރާނެ ވާހަކަ ކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.

ތަހުގީގު މިހާރު ނިމިފައިވާތީ ނިޒާމު ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ސާފުކުރަން ޖެހޭ ކަމަށް ދިފާއުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި އިބްތިދާއީ އަޑުއެހުންތައް ޖުލައި މަހުން ފެށަން ގަސްތުކުރާ ކަމަށްވެސް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.

މިދިޔަ ޑިސެމްބަރު 28 ގައި ތެޔޮބޯތެއްގައި ދިޔަ ދެމީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނިކޮށް ޖެނުއަރީ 1 ވަނަ ދުވަހު އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. ނަމަވެސް އެ ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް ހައްޔަރު ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އޭނާ ފެނިގެން މީހަކު ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.

ޕީޖީން ބުނީ ލިޓަން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށެވެ. ލިޓަން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ދުވަހުގެ ރޭ 7 އާއި، 08:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ޕީޖީން ބުނެއެވެ. އަދި އެ ދޯނީގައި ލިޓަންގެ 51000 އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވާ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.

މިހާތަނަށް ލިޓަންގެ ހަށިގަނޑު ފެނިފައި ނުވާއިރު މި މައްސަލާގައި ނިޒާމުގެ މައްޗަށް ވަނީ އެނގިހުރެ މީހަކުމެރުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.

މީގެ ކުރިންގެ ކުށުގެ ރިކޯޑު އޮންނަ ނިޒާމުގެ މައްޗަށް މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާ ކޮށްފައިވާނީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ މއ. ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީން ބުނެއެވެ. ޕީޖީން ބުނީ ނިޒާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.