ކޭޕާކް ރެޒިޑެންސް ތަރައްގީ ކުރާ ހަމްބޯ ކުންފުންޏާ ދެކޮޅަށް މީހަކު ހުށަހެޅި މައްސަލައެއް ނާކާމިޔާބު ވުމުން، ގާނޫނީ ހަރަދުގެ ގޮތުގައި 10،000ރ. ދޭން އެ މީހާއަށް އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ކޭޕާކްގެ އެތައް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުން ވިއްކާފައިވާ ކަމަށް ބުނެ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު އަނެއް ހިއްސާދާރަށް ތުހުމަތުކޮށް ނެރުނު ބަޔާނަށް ރިއާޔަތްކޮށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ އެޕާޓްމެންޓެއް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެޕާޓްމެންޓް ހޯދަން ދައުވާކުރަން ގަސްދުކުރާތީ އެތަން ވިއްކާނުލުމުގެ ވަގުތީ އަމުރަކަށް އެދިއެވެ.
ނަމަވެސް އެފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވާއިރު އެކޯޓުން ނެރުނު އަމުރުގައި ބުނީ، އެއީ ދައުވާކުރި ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ވަގުތީ އަމުރެއް ނެރެނުދިނުމުގެ ސަބަބުން، ވަގުތީ އަމުރަށް އެދޭ ފަރާތަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބެން އޮތް ކަމަށެވެ.
މި މައްސަލަގައި ހަންބޯ ކުންފުނިން ވަނީ، އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ކުރަން ޖެހުނު ގާނޫނީ ހަރަދު އެ މީހާ އަތުން ނަގައި ދިނުމަށް އެދިފައެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ ހަންބޯ ކުންފުނިން ކުރި ގާނޫނީ ހަރަދު އެ މީހާ ދޭންޖެހޭނެ ކަމަށާއި އެ މައްސަލާގައި ވަކީލުންނަށް އެ ކުންފުނިން 10،000ރ. ހަރަދު ކޮށްފައިވާތީ އެ ފައިސާ ދައްކަން އަމުރުކޮށްފައެވެ.
ހުޅުމާލެގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ތަރައްގީ ކުރަމުން ދިޔަ ކޭ ޕާކް ރެޒިޑެންސް އަކީ އެންމެ އަވަހަށް ކޮންކްރީޓް ނިންމި އެއް އިމާރާތެވެ. ޖުމްލަ 110 އެޕާޓްމަންޓް ހުންނަ 14 ބުރީގެ އިމާރާތުގެ ކޮންކްރީޓް ނިންމާ، ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަމުން ތަން ވިއްކަމުން ދިޔައީ މަމްދޫހުގެ ބެލުމުގެ ދަށުންނެވެ. އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.
އެ ލޯފާމުގެ ބެލުމުގެ ދަށުން، މިހާރު ކަންކަން ކުރިއަށް ގެންދާ އިރު، މަމްދޫހުގެ ފަރާތުން ލިބެން ޖެހޭ ލިޔެކިޔުންތައް ނުދީ އެއްބާރުލުން ނުލިބޭ ކަމަށް މީގެ ކުރިން އެ ލޯފާމުން ވަނީ "ދަ ޕްރެސް" އަށް ބުނެފައެވެ.