އައްޑޫ ސިޓީގެ ތަރައްގީއަށް އިންވެސްޓަރުންގެ އިތުބާރު ނުލިބި އޮތީ އެއާޕޯޓް ތަރައްގީ ނުވެ އޮތުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުން ކަމަށާއި އައްޑޫގައި ފަތުރުވެރިކަން ފުޅާވެ އިންވެސްޓަރުންގެ އިތުބާރު ލިބެން އޮތީވެސް އެއާޕޯޓް ތަރައްގީ ކުރެވިގެން ކަމަށެވެ. މިކަމަށްޓަކައި މިސަރުކާރުން އެއާޕޯޓް ތަރައްގީ ކުރާނެ ފައިސާ ހަމަޖައްސައި އެއާޕޯޓްގެ މަސައްކަތް ފެށިގެން ދިއުމަކީ އައްޑޫއަށް އިންވެސްޓް ކުރާ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ޔަގީންކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އައްޑޫގައި އިންވެސްޓް ކުރާ މީހުންނަށް މިހާތަނަށް ދިމާވި އެންމެ ބޮޑު މާލީ ގޮންޖެހުމަށް ހައްލު ހޯފައި ދެއްވީ ރައީސް ސޯލިހު ކަން ފާހަކަުރައްވާ ފައްޔާޒު ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ޓޫރިޒަމަށް އިންވެސްޓް ކުރާ ފަރާތްތަކުގެ އަތުން އެއްވެސް ތަފާތު ކުރުމެއްނެތި ނަގަމުންދިޔަ ޓެކްސްތަކަށްވެސް ހެޔޮ ބަދަލެއް ގެނުވީ ރައީސް ސޯލިހު ކަމަށެވެ.
މި ސަރުކާރުން ހަވާލުވުމުގެ ކުރިން އައްޑޫގެ ތަރައްގީއަށް މަސައްކަތް ފެށިގެން ދިޔަ ކަމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ މަޝްރޫއުތައް ހިންގަން ވެރިކަމަށް އައުމުގެ ކުރިން ފައިސާ ހަމަޖައްސާފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވަނީ އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީ ނުވެ އޮތީ ސަރުކާރުން އިހުލާސްތެރި މަސައްކަތެއް ނުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވާފައެވެ. އަސްލަމް ވިދާޅުވީ، އައްޑޫ ސިޓީއަށް ގެންނަން ޖެހޭ ތަރައްގީ ގެންނަން ފުރުސަތު ލިބި މިހާތަނަށް ވެސް އެކަން ނުކޮށް މިއަދު އެވާހަކަ ދައްކަވަނީ ރަައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކަމަށެވެ. ނަމަވެސް މިކަންކަމަށް ބަދަލު ގެނެސް އައްޑޫގެ ތަރައްގީއަށް ބަދަލު ގެނެސްދެއްވީ ރައީސް ސޯލިހުކަމަށް އަސްލަމް ވިދާޅުވިއެވެ.
ނަޝީދު ވަނީ ވިލިނގިލި، ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައި ނުގަނެ ކަމަށް ވިދާޅުވެފައެވެ. އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީ ނުވެ އޮތީ ރަށް ނެތިގެނެއް ނޫން ކަމަށާއި އެއީ މިސަރުކާރުގެ އިހުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން ކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫ އެއާޕޯޓް ހިންގަން ފެށުމުގެ އާ ވިސްނުމެއް ބޭނުންވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ގާއިމުކުރި ޓޫރިޒަމް ޒޯންތައް އިއްޔެ ރަސްމީކޮށް އިފްތިތާހު ކޮށްފައި ވާއިރު އައްޑޫ ސިޓީ މަރަދޫ، ހުޅުދޫ އަދި މީދޫ އިންވެސް ވަނީ އިކޯ ޓޫރިޒަމަށް ބިން ދޫކޮށްފައެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިކޯ ޓޫރިޒަމް މަޝްރޫއަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 2.49 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.