ވިލިމާލޭ ފަޅުން ނުކުމެގެން ދިޔަ ތެޔޮބޯޓެއްގައި ދިޔަ ކަމަށް ބުނާ މުހައްމަދު ލިޓަން މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުހައްމަދު ނިޒާމުގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ،
މާދަމާ ހެނދުނު 8:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ނިޒާމުގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެވެ.
މިދިޔަ ޑިސެމްބަރު 28 ގައި ތެޔޮބޯތެއްގައި ދިޔަ ދެމީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް ޖެނުއަރީ 1 ވަނަ ދުވަހު އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. ނަމަވެސް އެ ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް ހައްޔަރުކޮށްފައިވަނީ ސޯޝަލް މީޑިއާގައި އޭނާ ފެނިގެން މީހަކު ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
ޕީޖީން ބުނީ ލިޓަން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށެވެ. ލިޓަން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ދުވަހުގެ ރޭ 7 އާއި، 08:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ޕީޖީން ބުނެއެވެ. އަދި އެ ދޯނީގައި ލިޓަންގެ 51000 އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވާ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.
މިހާތަނަށް ލިޓަންގެ ހަށިގަނޑު ފެނިފައި ނުވާއިރު މި މައްސަލާގައި ނިޒާމުގެ މައްޗަށް ވަނީ އެނގިހުރެ މީހަކުމެރުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.
މީގެ ކުރިންގެ ކުށުގެ ރިކޯޑު އޮންނަ ނިޒާމުގެ މައްޗަށް މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާ ކޮށްފައިވާނީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ މއ. ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީން ބުނެއެވެ. ޕީޖީން ބުނީ ނިޒާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.