ތަރައްގީ ފާހަގަކުރުމުގެ ގޮތުން މިރޭ އައްޑޫ ސިޓީގައި ހަވާއަރުވަން ނިންމައިފިއެވެ.

މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ 8:30 ގައި އެ ސިޓީގެ ހިތަދޫ ސިޓީ ސްކެއާގައި ރައްޔިތުންނާ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީއަށް މިހާރު ލިބޭ ތަރައްގީ ފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން ހަވާ އަރުވަން ނިންމާފައި ވަނީ އެ ބައްދަލުކުރެއްވުމަށް ފަހު ހިތަދޫ ސިޓީ ސްކޮޔާގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރައީސް ސޯލިހު އައްޑޫސިޓީއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު އެ ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވައިފައެވެ. އަދި މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ވެސް ރަސްމީކޮށް ފައްޓަވައިދިނުމަށް ވަނީ ނިންމާފައެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފައިވާއިރު އެ ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ހާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އާ ހިދުމަތްތަކެއް ތައާރަފުކުރެވި އަދި ކެތްލެބްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއި ފަސޭހަތައް ލިބެމުން އަންނަކަން ވެސް އެ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ކައުންސިލުން ވަނީ ތައުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކޮށްފައިވާ މަސައްކަތްތަކާއި ތައުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އެކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.