އައްޑޫ ސިޓީގައި ތަރައްގީ ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓުގައި ހިމެނޭ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް އެ ރިސޯޓު ހިންގާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު އައްޑޫ ސިޓީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ ސިޓީގެ މަރަދޫގައި ބޭއްވި ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެގޮތުން ރައީސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ތައްޔާރަށް ހުންނެވި ކަމަށާއި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އެ ރިސޯޓް ހިންގަން ފަށަން އޮތް ހުރަސް ކަމުގައި ނަހަދާނެ ކަމަށް ވިދާޅުވެފައެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި، އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލަން އަޅުގަނޑު މިހުރީ ތައްޔާރަށް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެ ހިއްސާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން ކުންފުންޏާ ހިއްސާކޮށްފައިވާ ކަމަށާއި އެކަން ނިމުމާއެކު ބޭނުންވާ ބަދަލު ގެނައުމަށްފަހު ޝަންގްރިއްލާ ހުޅުވާ، ހިންގަން ފެށޭނެ ކަމަށެވެ.

ސަންގްރިއްލާގައި އަކީ އައްޑޫ އިންވެސްޓްމަންޓްގެ 70 ޕަސެންޓް އޮންނަ ރިސޯޓަކަށްވާއިރު އެ ރިސޯޓް ވިއްކާލަން މިހާރު ވަނީ އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާ ހަވާލުކޮށްފައެވެ. އަދި މަންޓާ އެއާ ހިންގަމުން އަންނަ ރިއޯލޯ ކުންފުނިން ވަނީ އެ ރިސޯޓު ގަންނަން ނިންމާފައެވެ.

ޓޫރިޒަމްގެ ގާނޫނު އިސްލާހުކުރުމަށްފަހު ސަންގްރިއްލާގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާއިރު ހިއްސާ ދޫކޮށްލަން ސަރުކާރުން 80 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ކޮވިޑް 19 އާއި ގުޅިގެން ޝަންގްރިއްލާ ބަންދުކޮށްފައިވާއިރު އެ ރިސޯޓު ހުޅުވުމަށް މީގެ ކުރިންވެސް ގިނަ ތާރީހްތަކެއްވަނީ ދީފައެވެ.