އައްޑޫ ސިޓީގައި ތަރައްގީ ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓް މިއަހަރު ތެރޭގައި ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މައުސޫމް ވިދާޅުވީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ޝަންގްރިއްލާ ހުޅުވުމަށް އުއްމީދުކުރެއްވި ކަމަށެވެ.

ޝަންގްރިއްލާ ހުޅުވުމަށްޓަކައި އަމިއްލަ ވިޔަފާރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަންތައް ސަރުކާރުން ކޮށްދީފައި ވާކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ އެ ރިސޯޓްގެ ކުލި ވަރަށް ބޮޑުތަނުން ކުޑަ ކޮށްދީފައިވާނެ ކަމަށެވެ.

ޝަންގްރިއްލާ ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުސޫމު ވިދާޅުވީ ޝަންގްރިލާގައިވާ ސަރުކާރުގެ ހިއްސާ ދޫކޮށްލުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަޖިލިސް މެންބަރުންނާއި އައްޑޫ ކައުސިލް މެންބަރުންނާ ހިއްސާކުރަމުން ގެންދާކަމަށެވެ. އަދި މި މަޝްވަރާތައް ނިމުމުން ރިސޯޓް އަލުން މަރާމާތުކޮށް މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވެނެކަމަށް އުއްމީދުކުރައްވާކަމަށް މައުސޫމު ވިދާޅުވިއެވެ.

ޝަންގްރިއްލާ ހުޅުވޭނެ ސީދާ ވަކި ތާރީހެއް މައުސޫމް ވިދާޅުވެފައި ނުވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ މިނިސްޓަރާއި ކުރި ސުވާލަށް ސީދާ ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅު ކޮށްފައެވެ. ރައީސް ނަޝީދުގެ ކަންބޮޑުވުންތަކަށް ޖަވާބުދެމުން މައުސޫމް ވިދާޅުވީ އުއްމީދަކީ މިއަހަރު ތެރޭގައި ޝަންގްރިއްލާ ހުޅުވިގެން ދިއުންކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ޝަންގްރިއްލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާ އެކަން އެ ރިސޯޓު ހިންގާ ކުންފުންޏަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އިތުރަށް ރައީސް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު، އަންނަ އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ،

ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ކޮވިޑް19 އާއި ގުޅިގެން ޝަންގްރިއްލާ ބަންދުކޮށްފައިވާއިރު އެ ރިސޯޓު ހުޅުވުމަށް މީގެ ކުރިންވެސް ގިނަ ތާރީހްތަކެއްވަނީ ދީފައެވެ.