ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްސީލް އެ ރިސޯޓްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ހިއްސާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ވަޑައިގެންފައެވެ. އެމަނިކުފާނު އެ ރިސޯޓަށް ވަޑައިގަތުމުން ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މިއަދު ވަނީ ރިސޯޓް ހުޅުވުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ޕްރެޒެންޓޭޝަނެއް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.
އެގޮތުން މިއަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ރިސޯޓްގެ އޯނަރުން އަދި މެނޭޖްމަންޓުން ވަމުންދާ ތައްޔާރީތަކުގެ ތަފްސީލް ހިއްސާކުރެއްވިއެވެ.
އޭގެ ތެރޭގައި ރިސޯޓްގެ ވޯޓާ ވިލާތަކާއި، ރެސްޓޯރަންޓް ތަކާއި ޑެކިން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ރިސޯޓް ބަންދުކޮށްފައިވީ ނަމަވެސް ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާކަމަށް މެނޭޖްމަންޓުން ވަނީ ފާހަގަކުރައްވާފައެވެ.
ޕްރެޒެންޓޭޝަނަށް ފަހު ރިސޯޓްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް، ރިސޯޓްގެ ހުޅުވުމަށް ވަމުންދާ ތައްޔާރިތައް ދައްކާލެއްވުމަށް ހާއްސަ ޓުއާއެއް ދެއްވާފައެވެ. މި ޓުއާ ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލްކުރައްވާ ބައެއް މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
2009 ވަނަ އަހަރު އައްޑޫ ސިޓީގައި ހުޅުވި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ ކޮވިޑާއި ގުޅިގެންނެވެ. ލަގްޒަރީ ފެންވަރަށް ހިދުމަތް ދިނުމަށް ތަރައްގީކޮށްފައިވާ މި ރިސޯޓްގައި 284 އެނދު ހުރެއެވެ.
