"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި ރޭ ކާނިވަލްގައި ކުރިއަށް ގެންދިޔަ ޕީޕީއެމް ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ކަމަށް 'ދަ ޑިމޮކްރެޓްސް' އިން ތުހުމަތު ކޮށްފިއެވެ.

ރޭގެ ޖަލްސާގައި އިންޑިއާ އައުޓް ޖަހާފައި ހުރި ޓީޝާޓުތަކުގައި ބައެއް ފަރާތްތަކުން ހަރަކާތްތެރި ވެފައިވާ މަންޒަރާއި، އަދި އިންޑިއާ އައުޓް ޖަހާފައިވާ ބެނާ އެ ޖަލްސާގައި ދަމާފައިވާ މަންޒަރު ހިމެނޭ ފޮޓޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ޖަލްސާގައި ސަރުކާރާ އިދިކޮޅު ސިޔާސީ ބައިވެރިން ބައިވެރިވެފައިވާ އިރު އޭގެތެރޭގައި ދާދި ފަހުން އެމްޑީޕީން ވަކިވެ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އާ ގުޅުނު ބައެއް ސިޔާސީ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެ ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމި މައްސަލައާ ގުޅިގެން މިއަދު ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރާ އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތައް އެކުވެގެން ކުރިއަށް ގެންދިޔަ އެ ޖަލްސާއަށް އަމާޒުކޮށް ސަރުކާރުން ހިންގި އެ އަމަލަކީ ވަރަށް މުޑުދާރު އަދި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެ ޕާޓީން ބައިވެރިވި އެ އިވެންޓްގައި އެ ބެނާ ދަމި ބަޔަކީ ސަރުކާރުން ފޮނުވި ބައެއް ކަމަށް ގަބޫލު ކުރާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތަކަކީ އެ ޕާޓީން ދެކޮޅު އަމަލުތަކެއް ގޮތުގައި ޑިމޮކްރެޓްސް އިން ބުނެއެވެ.

މި ފުރުސަތުގައި އަވަށްޓެރި ގައުމުތަކާއި އަދި ރާއްޖެއާ ގުޅުން ބާއްވާ ހުރިހާ ގައުމުތަކެއްގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި އެ ޕާޓީ ދެމި އޮންނާނީ އަބަދުވެސް ރާއްޖެއަށް ރަނގަޅު ޑިމޮކްރެސީ ގެނެސްދިނުމުގައި ކެނޑި ނޭޅި މަސައްކަތް ކުރާ ގައުމުތަކާ އެކުގައި މަސައްކަތް ކުރުމުގައި ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެއެވެ.

ރޭ ކުރިއަށް ގެންިދޔަ ޖަލްސާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން ރާއްޖޭގެ ކަނޑު ވިއްކާލުމުގައި ސިއްރު ޑީލެއް ހެދިކަމަށް ތުހުމަތުކޮށް އަޑު އުފުލުމަށް ބޭއްވި ޖަލްސާއެކެވެ. ސަރުކާރުން އަދިވެސް އަންނަނީ އެ ޑީލާ ގުޅޭ މުއާމަލާތްތައް ސިއްރު ކުރަމުން ކަން ފާހަގަ ކޮށް އެ ޕާޓީން ވަނީ ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ މިހާތަނަށް ވެސް ސިއްރު ކުރައްވާފައި ކަމަށެވެ.

އަދި ވިއްކާލި ރާއްޖޭގެ ކަނޑުގެ ބައި ހޯދުމަށް އެކަމާ ގުޅިގެން މަސައްކަތް ކުރާ ސިޔާސީ ބޭފުޅުންނާއެކު މަސައްކަތް ކުރާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފައްޓަވާފައިވާ ހަރަކާތެކެވެ. އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދިޔަ އެ ހަރަކާތް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ވެސް ނެރުއްވާފައެވެ. އެ ގަރާރަށް ފަހު އިންޑިއާ އައުޓް ހަރަކާތް ވަނީ މަޑުޖެހިފައެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވިސްނުންފުޅާ އެއް ގޮތަށް އުފަން ކުރަމުން އަންނަ ޕާޓީއެކެވެ.