ރޭ ޑައިންމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރެެއިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ރޭ 23:35 ހާއިރު މަޖީދީ މަގުގައި ހުންނަ ޑައިންމޯ ކައިރީގައި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައި ވިޒިބިލިޓީ ފުލުހުން ވަނީ ހުއްޓުވާފައެވެ.. އެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ބަންދަށް 15 ދުވަސް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.

އެ މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވާ އިރު، ދެން އެތަނުގައި ތިބި އެހެން މީހުން ވަނީ ފިލާފައެވެ. އަދި އެ ތަނުން ދެމީހަކު ފިލާފައި ވަނީ އެމީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި އެތަނުން ފިލި މީހުން ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.