ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގެ ފަރާތުން މިރޭ ބާއްވާ ޖަލްސާގައި ބައިވެރިނުވުމަށް ގޮވާލެއްވި ސަބަބު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ހާމަކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް މިދިޔަ މަހުގެ ފަހުކޮޅު ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ، މިރޭ ބާއްވާ އެއްވުމުގެ މިސްރާބާއި ނަތީޖާ، އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ މެންބަރުންނަށް އޮޅިވަޑައިގެންފައި ނޯންނާނެ ކަމަށެވެ. އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވެސް މެންބަރުންގެ އަރިހުން ގާސިމް އެދިވަޑައިގަތީ ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން އިތުރުކުރުމަށެވެ.

"ވީޓީވީ" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ގާސިމް ވަނީ، މިރޭ ބާއްވާ ޖަލްސާ އިން ދައްކާ ވާހަކަ އާއި ގޮވާލާ ގޮވާލުންތަކުން ކުރެވޭނެ ކަންކަމާއި، އެ އެއްވުމުން ހޯދޭނެ ނަތީޖާ އާ މެދު ސުވާލު އުފައްދަވައިފައެވެ.

"ކޮން ކަމެއްހޭ އަޅުގަނޑުމެން މިރޭ މިތާ އެއްވުމެއް ބާއްވައިގެން އެ އެއްވުމުން ކޮންމެ ވާހަކައެއް ދެއްކިޔަސް ކޮންމެ ކަމެއް ކުރެއްވިޔަސް ހޯދޭނެ ނަތީޖާއަކީ؟ އެއްވެސް ބަދަލެއް އެ ހުކުމަށް އަންނާނެހޭ؟ ނާންނާނެ،"

ގާސިމް ވިދާޅުވީ، މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް އޭނާ ނިންމެވީ، އެ ޖަލްސާ އިން ހޯދޭނެ އެއްވެސް ރަނގަޅު ނަތީޖާ އެއް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ. މި އެއްވުމަކީ ސިޔާސީ މަގްސަދެއްގައި ބާއްވާ އެއްވުމެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވައިފައެވެ.

"އެއީ އެކަމެއް ކޮށްގެންނެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ބޭރު ވެސް ނުކުރެވޭނެ، އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރު ވެސް ނުކުރެވޭނެ، އެހެން އެކަން އޮތީ، އެކަން ކުރެވޭނީ ގާނޫނުއަސާސީގަ ބުނެފައި އޮތް އުސޫލުތަކުގެ ތެރެއިން ގާނޫނުއަސާސީގަ ސާފުކޮށް ކަޅާއި ހުދުން ބުނެފައިވާ ގޮތަށް އަމަލުކޮށްގެން،"

މިރޭ ބާއްވާ ޖަލްސާ އިން ކުރެވޭނެހާ ވެސް ކަމަކީ އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށް ގާސިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ހަރަކާތުގެ މީޑިއާ ކޮމިޓީގައި އިސްކޮށް މަސައްކަތްކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ގިނަ މެންބަރުން މިރޭގެ ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިރޭގެ ޖަލްސާ އަކީ ރަސްމީ ސިފައެއްގައި ބާއްވާ ސުލްހަވެރި ޖަލްސާ އެއް ކަމަށެވެ.