ބުދަ ދުވަހުގެރޭ އައްޑޫ މަރަދޫފޭދޫ ގައި މާރާމާރީ ހިންގައި ބޭބެ މަރާލި މައްސަލައިގައި ހައްޔަރުކުރި ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ދެބެއިންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި، ކޮއްކޮ ބޭބެގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނުގެ ވަގުތެއްގައި ބޭބެ ވަނީ މަރުވެފައެވެ.

ބައެއް މަސްދަރުތަކުގައި ބުނެފައިވާ ގޮތުން، ކޮއްކޮ މާރާމާރީ ހިންގައި ބޭބެ މަރާލާފައި ވަނީ، ކޮއްކޮގެ ފޯނު ވިއްކާލުމަށް ފަހު، ބޭބެ އާ ފޯނެއް ގަތް މައްސަލައިގައެވެ.

އެ މާރާމާރީ އާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 25 އަހަރުގެ ހުސައިން މަވާޒެވެ. ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައި ވާ އެ މާރާމާރީގެ ވީޑިއޯ އިން ފެންނަ ގޮތުގައި، މަރުވި މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ދިން ހަމަލާއާ ގުޅިގެން އޭނާ ލައިގެން އޮތް ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

ފުލުހުން ދަނީ އެ މައްސަލަ ބަލައި ތަހްގީގު ކުރަމުންނެވެ.