ކ. ހުރާ، ތ ގާދިއްފުށި އަދި ސ. ފޭދޫގެ ބަންދަރު ތަރައްގީ ކުރުމުގެ މަޝްރޫއާއި ކ. ދިއްފުށި ބިން ހިއްކުމާއި ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ފަސް ރަށުގައި ހިންގާ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވާރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

ކ. ހުރާ ބަނދަރު ހެދުން: 62.78 މިލިއަން ރުފިޔާގެ މަޝްރޫއެއް

1360 މީހުންގެ އާބާދީއެއް އޮންނަ ކ. ހުރާ އަކީ މަސްވެރިކަމާއި ފަތުރުވެރިކަމާއި ގެސްޓް ހައުސް ވިޔަފާރީގެ ދާއިރާ ފުޅާކޮށް ކުރިއަށް ގެންދާ ރަށެއް ކަމުން ޖާގަ ތަނަވަސް ބަނދަރަކަށް ރަށު ރައްޔިތުން އިންތިޒާރު ކުރާތާ ޒަމާންވީ ބޭނުން ފުއްދުމާ ގާތަށް މި ވަނީ އައިސްފައެވެ.

އެމްޓީސީސީން ބުނީ މިއަދު ސޮއިކުރި ކ. ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމުން މުދާ ބޭލުމާއި ރަށަށް އަރާ ފޭބުމުގައި ރައްޔިތުންނާއި ވިޔަފާރި ވެރިންނަށް ވަމުން އަންނަ އުނދަގޫތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.

ކ. ހުރާ

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުން
  • 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އަާ ހާބާ ބޭސިން ފުންކުރުމާއި 5445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލި ބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން
  • މޫރިންގް ބޯއީސް ހަރުކުރުމާއި 105 މީޓަރު ދިގު 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
  • 20 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއ، ބަނދަރު ބައްތި ހަރުކުރުން
  • 1795 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 376 މީޓަރުގެ ކާބް ހަރުކުރުން

މި މަޝްރޫއަކީ 62.78 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ތ. ގާދިއްފުށި ބަނދަރު ހެދުން: 79.43 މިލިއަން ރުފިޔާގެ މަޝްރޫއެއް

754 މީހުންގެ އާބާދީއެއް އޮންނަ ތ. ގާދިއްފުށީ ރައްޔިތުން ލަފާފުރުމުގެ ދަތިތައް ތަހައްމަލު ކުރަމުންދާތާ އެތަކެއް ދުވަހެއް ވެފައިވާ އިރު، މިއަދު ސޮއިކުރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އެ ރަށު ރައްޔިތުން ދަތިތަކަށް ނިމުމެއް އަންނާނޭ މަޝްރޫޢެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • 47,243 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުން
  • 12,335 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 154 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 227 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 267 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމާއި 22 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުން
  • 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި 570 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
  • މޫރިން ބޯއީސް ހަރުކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 20 މީޓަރު ދިގު 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން
  • 1365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 323 މީޓަރުގެ ކާބް ހަރުކުރުން

މި މަޝްރޫއަކީ 79.43 މިލިއަން ރުފިޔާއަށް 580 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

ސ. ފޭދޫ ބަނދަރު ހެދުން: 73.95 މިލިއަން ރުފިޔާގެ މަޝްރޫއެއް

6000 މީހުންގެ އާބާދީއެއް އޮންނަ ސ. ފޭދޫ ރައްޔިތުން ބޭނުންކުރާ ބަނދަރަކީ ވަރަށް ގިނަ އޮޑިފަހަރު ހާއްސަކޮށް ކާގޯ އޮޑިފަހަރު ގިނަ އަދަދަކަށް ގާތްކުރާ ބަނދަރެކެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މަސް ދޯންޏާއި ކުދި ކުދި ދޯންޏާއ،ި ލޭންޑިންގް ކްރާފްޓް ކައިރިކޮށް ސާވިސް ކުރުމަށް ވެސް ފޭދޫ ބަނދަރު ބޭނުން ކުރެއެވެ. ނަމަވެސް އެ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކައިރި ކުރެވެނީ 1 ނުވަތަ 2 ދޯންނަށެވެ.

މިއަދު ސޮއިކުރި ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ގިނަ އަދަދެއްގެ އޮޑިފަހަރު ކައިރި ކުރެވޭ ޖާގަ ތަނަވަސް ބަނދަރަކަށް ސ. ފޭދޫ ބަނދަރު ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ލޭންޑިންގް ކްރާފްޓް ކައިރިކޮށް ސާވިސް ދެވޭ ބަނދަރަކަށް ވެސް އެ ބަނދަރު ވެގެންދާނެ ކަމަށް އެމްޓިސީސީން ބުނެއެވެ.

ސ. ފޭދޫ

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • 75,398 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުން
  • 5320 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުން
  • 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 157 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 501 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމާއި 86 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުން
  • 445 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިންގ ބޯއީސް ހަރުކުރުން
  • 11މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުމާއި 2040 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
  • 413 މީޓަރުގެ ކާބް ހަރުކުރުން

ސ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރަށުގެ ވިޔަފާރިވެރިންނަށާއި ރަށު ރައްޔިތުންނަށް ގިނަގުނަ އިގްތިސޯދީ ފައިދާތަކެއް ވެގެންދާނޭ މަޝްރޫއެއް ކަމަށް ދެކޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއަކީ 73.95 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ކ. ދިއްފުށީ ބިން ހިއްކުން: 157.33 މިލިއަން ރުފިޔާގެ މަޝްރޫއެއް

މަސްވެރިކަމާއި ލޯކަލް ތޫރިޒަމުން ނަފާ ހޯދާ މީހުން އުލޭ ކ. ދިއްފުއްޓަކީ ގާތްގަނޑަކަށް 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެވެ. ލޯކަލް ޓޫރިޒަމް އެ ރަށުގައި ފުޅާވަމުން އަންނަ އިރު ބިމުގެ ދަތިކަމަކީ އެރަށަށް ދިމާވެފައިވާ އެއް މައްސަލައެވެ.

އެގޮތުން މިއަދު ސޮއިކުރި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދުގެ ހުޅުކޮޅު ދިއްލާލަ ދޭނެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ. ދިއްފުށީގެ ބިން ހިއްކައި ނިމޭއިރު، ހިއްކި ސަރަހައްދުން ރަށު ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ކަމަށާއި އުދަ އެރުމުގެ ސަބަބުން ނެތި ގޮސްފައިވާ ގޯތިގެދޮރަށް އަލަށް ހިއްކާ ސަރަހައްދުން ޖާގަ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • 22.97 ހެކްޓަރުގެ ބިން ހިއްކުން
  • 710 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 670 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
  • މިހާރު ހުރި ގްރޮއިންގެ 270 މީޓަރު މަރާމާތު ކުރުން
  • މިހާރު ހުރި ރިވެޓްމެންޓްގެ 300 މީޓަރު މަރާމާތު ކުރުން

ކ. ދިއްފުއްޓަކީ އުދަ އެރުމާއި ގުދުރަތީ ކާރިސާތަކާއި ކުރިމަތިލާން ޖެހިފައިވާ ރަށެއްް ވެސް މެއެވެ. އެހެންކަމުން ރިވެޓްމެންޓް އުސް ގޮނޑުދޮށަކަށް މި ރަށު ރައްޔިތުން އިންތިޒާރު ކުރަމުންދާތާ ގިނަދުވަސްތަކެއް ވެފައިވާ އިރު، މި މަޝްރޫއާ އެކު، ރަށު ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވެ އުދަ އެރުމާއި ގުދުރަތީ ކާރިސާތަކުން ރަށަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދޭނޭ ޒަމާނީ ގޮނޑުދޮށެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 157.33 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއެކެެވެ.