ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންނަށް ހުރި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށްހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މުޅިން އަލަށް މި އަހަރު ޑިޕްލޮމާ ފެންވަރުގެ ފުރުސަތުތަކަށްވެސް ލޯނު ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި ކުރިން ލޯނު ނަގާފައިވީނަމަވެސް ދަރިވަރުންގެ އިހުތިޔާރުން ބޭރުން ދިމާވި ސަބަބުތަކާހުރެ ކިޔެވުން ފުރިހަމަ ކުރެވިފައި ނުވާނަމަ އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.

ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ލޯނު ލިބޭތާ 18 މަސްދުވަހުގެ ތެރޭގައި ލޯނުގެ ބޭނުން ހިފައި ތައުލީމު ހޯދުމަށް މަސައްކަތް ފަށަން ވާނެ ކަމަށެވެ.

ޑރ. އިބްރާހިމް ވިދާޅުވީ މިއާއެކު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ޕައިލެޓުކަން ކިޔަވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމްބީބީއެސްއަށް 133 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި ޕޯސްޓް ގްރެޖުއޭޑް މެޑިސިން ކިޔެވުމަށް 51 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް ސޯލިހު ރޭ ވިދާޅުވީ ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައިވެސް މިއަހަރު ސަރުކާރުން ހެޔޮބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.