ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އޮފީހުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ ރުފިޔާއާއި ޑޮލަރު ނެގި މީހާ 6 މަހާއި 6 ދުވަހަށް ޖަލަށްލައިފިއެވެ.

މި އަހަރު ފެބްރުއަރީ 26 ވަނަ ދުވަހުގެ ފަތިހު 4:10 ހާއިރު މ. ނެކްޓާ ގޭގެ 1 ވަނަ ފަންގިފިލާގައި ހުންނަ އާރްސީސީ އޮފީސް ބަންދުކޮށްފައި ހުއްޓާ އެ އޮފީހުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަތް މައްސަލާގައި ކ. ގާފަރު، ސަފްރާޒް އިބްރާހިމްގެ މައްޗަށް ތިން ދައުވާއެއް ކުރިއެވެ.

އެގޮތުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ހިމެނެއެވެ. ސަފްރާޒްގެ ވަނީ ދައުވާތަކަށް އިއުތިރާފު ވެފައެވެ. އެއާއެކު ސަފްރާޒް ދައުލަތާއެކު ހެދި އިއުތިރާފު އެބަސްވުމެއް އޮތުމުން އެ މައްސަަލަ ނިންމީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

އެ މައްސަލާގެ ބަންދުގައި ސަފްރާޒް ވަނީ 29 ދުވަހާއި 9 ގަޑިއިރު ހޭދަކޮށްފައެވެ.

އާރްސީސީ އޮފީސް ބަންދުކޮށްފައި ހުއްޓާ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަތް ކަމަށް އިއުތިރާފުވެފައި ވާތީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުން ކުށް ސާބިތުވެ 27 ދުވަހުގެ ޖަލު ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާ ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ހުކުމުގައި ބުނެފައިވަނީ އާރްސީސީ އޮފީހަށް ބަޔަކު ވަތްކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން އެތަނަށް ދިޔައިރު ސަފްރާޒް ހުރި ކަމަށާއި އޭނާ ބަލާ ފާސްކުރިއިރު އޭނާ ލައިގެން ހުރި ޓްރެކްސޫޓް ތެރެއިން 10 ރުފިޔާއާއި 20 ޑޮލަރު ފެނުނުއިރު ވާއަތު ފައިގެ ފައިކުރި ތެރެއިން 6540 ރުފިޔާ އާއި 5 ޑޮލަރު ފެނިފައިވާ ކަމަށެވެ. އަދި ކަނާއަތް ފަރާތު ފައިކުރި ތެރެއިން 1130 ރުފިޔާ އާއި 25 ޑޮލަރު ފެނިފައި ވާއިރު އެ ފައިސާއަކީ އެ އޮފީހުން ނެގި ތަކެތި ކަމަށް ވަނީ އިއުތިރާފު ވެފައެވެ. އެހެންކަމުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވެ ބަންދުގައި ހޭދަކުރި މުއްދަތު އުނިކޮށް 6 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މީގެ އިތުރުން އާރްސީސީ އޮފީހުގެ ކުޑަދޮރެއް، ދަތްދަނޑެއް ބޭނުންކޮށްގެން ހަލާކުކޮށްލާފައިވާ ކަމަށް އިއުތިރާފު ވެފައިވާތީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި 24 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.