މިދިޔަ މަހު 19 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ފެށި ކާމިޔާބު ހޮލީވުޑް ފިލްމު "ފާސްޓް އެކްސް" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ފިލްމު އެޅުވިތާ މަހެއް ނުވަނީސް މި ފިލްމުގެ އާމްދަނީ 500 މިލިއަން ޑޮލަރަށް އަރާފައިވާއިރު މިދިޔަ ހަފްތާ ބަންދުގައި އެކަނި އެޅުވި ޝޯތަކުން ޖުމްލަ 111 މިލިއަން ޑޮލަރު މި ފިލްމަށް ވަނީ ލިބިފައެވެ. ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލް ފްރެންޗައިޒެކެވެ. މި ފިލްމު ޝްވެކް ސިނަމާގައި ވެސް އެޅުވިއިރު ދިވެހިންގެ ތަރުހީބުވެސް މި ފިލްމަށް ލިބިގެންދިޔައެވެ.

ބޮކްސް އޮފީހުގައި ކާމިޔާބީތައް ހޯދަމުން އަންނަ މި ފިލްމަށް ކްރިޓީކުންގެ މާ ބޮޑު ސަމާލުކަމެއް ލިބިފައެއްނުވެއެވެ. މަޝްހޫރު ރޭޓް ކުންފުނި ރޮޓަން ޓޮމާޓޯސް އިން މި ފިލްމަށް ދީފައިވަނީ 100 އިންސައްތައިން 54 އިންސައްތައެވެ. "ފާސްޓް އެކްސް" ގެ ސީކުއެލް އެއް ގެންނަން ތައްޔާރުވަމުން އަންނައިރު މި ފިލްމުގެ ސީކުއަލް އަންނާނީ 2025 ވަނަ އަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުނިވާސަލް އިން 2001 ވަަނަ އަހަރު ނެރުނު ފާސްޓް އެންޑް ފިއުރިއަސްގެ ފުރަތަމަ ބައިން ފެށިގެން މިއަދާ ހަމައަށްވެސް މި ފިލްމުގެ ފޭނުންގެ ކްރައުޑް އަންނަނީ ބޮޑުވަމުންނެވެ. މި ފިލްމުގެ އެންމެ ފަހު ބައި ނެރުނީ 2021 ވަނަ އަހަރުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ފްރެންޗައިޒް ގެ ނިމުން ގާތް ވަމުން އަންނައިރު ފިލްމުގެ ބާކީ އޮތީ އެންމެ ދެބައެވެ.