އުސޫލާ ހިލާފަށް ރަޖިސްޓްރީ ކުރި ކަމަށް ބުނާ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގި އެންގުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރިކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލް ކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ސިވިލް ކޯޓުން އެ އަމުރު ނެރެފައި ވަނީ ރަޖިސްޓްރީ ބާތިލުކުރި ވެހިކަލްތަކުގެ ވެރިންގެ ތެރެއިން ނުވަ މީހަކު މިނިސްޓްރީގެ އެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ކޯޓުގައި އެދުމުންނެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ފުރަތަމަ އެ މައްސަލް އިސްތިއުނާފް ކުރީ ހައި ކޯޓުގައެވެ. ހައިކޯޓުން އެ މައްސަލަ ބަލައި ކުރި ހުކުމުގައި ވަނީ އެ ވެހިކަލްތަކުގެ ރަޖިސްޓްރީގެ ސައްހަ ކަމާ މެދު ގޮތެއް ނިންމޭނީ ސިވިލް ކޯޓުން ބަލާ މައުޟޫއީ މައްސަލައިގެ ތެރެއިން ކަމަށެވެ. އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކޯޓުން ގޮތެއް ނުނިންމަނީސް އުޅަނދުގެ ރަޖިސްޓްރީ ބާތިލްވެފައި އޮވެއްޖެނަމަ ގެއްލުން ލިބޭނީ އުޅަނދުގެ ވެރިފަރާތަކަށް ކަމަށެވެ. އަދި އެކަމަކު ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ، ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާފައެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ރަޖިސްޓްރާގެ ނިންމުންތައް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވަނިކޮށް އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވުމުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައި ވާތީ ކަމަށެވެ.