ދަރިމައިވުމުގެ މައްސަލަތަކަށް، ސަރުކާރުގެ އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގެ އައިވީއެފް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިހާރު، ރާއްޖެއިން ބޭރުން އައިވީއެފް ހިދުމަތް ހޯދުމަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަންޖެހޭ އިރު ރާއްޖެއިން އެ ހިދުމަތް ލިބުމަކީ އެކަމަށް ލިބުނު ވަރަށް ބޮޑު ހައްލެއް ކަމަށެވެ. ރާއްޖޭގައި މިފަދަ ހިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތައް ހޯދުމަށްޓަކައި ރައްޔިތުން ހޭދަކުރާ އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ހިދުމަތް ފެށުމުން ހާސިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި އާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބުންކަމުގައެވެ.

މުޅި މި ސަރަހައްދުގައި ވެސް ދަރިމައިނުވުމުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އައިވީއެފް ހެދުމަށް ރާއްޖޭން ބޭރަށް ދާ ދިވެހިންގެ ނިސްބަތަށް ބަލާލުމުން ވެސް އެކަން އެނގޭނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅޫވީ އެކަމަށް ލުޔެއް ގެނެސްދިނުމަށް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އަދި މިކަމުގައި ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމްކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެ ވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާ މި ހިދުމަތް ބޭނުންވެފައިވާ މީހުންނާ ގުޅުވައި ދެވޭނެ ގޮތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިކަމުގައި އެހީތެރިކަމަށް ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވަނީ މި ހިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.