ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ގެ ނަމުން މުހާތަބު ކުރުމަކީ ކަންބޮޑުވާން ކަމެއް ނޫން ކަމަށް ސިފަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަ ދައްކަވައިފިއެވެ.

ޗެނަލް 13 އިން ދެއްކި 3 ލަވައެއްގެ ސަބަބުން ރައީސްގެ ގަދަރަށް އުނިކަން ލިބޭ ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މައްސަލައެއް ބަލަން ފަށައިފައެވެ. އެ މައްސަލައިގައި ވަކި ގޮތެއް އަންގަންދެން، އެ ލަވަތައް ނުދެއްކުމަށް ޗެނަލް 13 އަށް އަންގަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެކަން ކުށްވެރިކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލަ އަށް ބަހުސް ކުރަން މެންބަރުން ފާސް ނުކުރި ނަމަވެސް، އެ މައްސަލައާ ހަވާލާ ދެއްވާ ބައެއް މެންބަރުން ޖަލްސާގައި ވާހަކަ ދެއްކެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މައި ސިޔާސީ ހަރަކާތަކީ ވެރިންނަށް ފާޑުކިޔުން ކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް އޭރު ގެނައީ އެމަނިކުފާނަށް ނިސްބަތްކޮށް ކިޔަން ފެށި ވަނަމަކުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ މިތާނގަ އަޣުލަބިއްޔަތު ލިބިގެންވާ އެމްޑީޕީ އާއި އަދި އަޅުގަނޑުމެން މިވަގުތު އެމްޑީޕީ އާ ދުރުވެފަ މި ތިބި އެންމެނަކީ 30 އަހަރުގެ ވެރިކަމެއް، ބޮޑު ސިންގާހާ ޝެހެންޝާހެއްގެ ވެރިކަމެއް އިއްޒަތްތެރި ރައީސް، މައާފާ އެކީގަ އެދެން، 30 އަހަރުގެ ވެރިކަމެއް، "ގޮޅާބޯ ގޮޅާބޯ ގޮޅާބޯ" ކީކީނޫން ގޮސް އޮފު ކަނޑުވާލައިގެން ސައިޒަށް ތިރިކޮށްލައިގެން ވެރިކަން ބަދަލުކުރި ބައެއް،"
އީވާ އަބްދުالله | މަޖިލީހުގެ ނައިބު ރައީސް

އީވާ ވަނީ ރައީސަކަށް އޭރު ހުންނެވި ނަޝީދަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ގޮވި ވަނަންތަކުގެ ހަނދާން ވެސް އާ ކުރައްވާފައެވެ. ވަނަމުން މުހާތަބުކޮށް ވެރިންނަށް ފާޑުކިއުމަކީ އިދިކޮޅުގެ ސިޔާސީ އުކުޅެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އެ ހުރިހާ ވާހަކައަކީ އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ، އަޅުގަނޑުމެން ޖާގަ ދެން ޗެނަލް 13 އެއް އަޅުގަނޑެއް ނުބަލަން، އަޅުގަނޑަކަށް ބަލާކަށް ނުކެރޭ އޭގަ ދައްކާ ވާހަކަތަކަކާ އަޅުގަނޑު އެއްބަހެއް ނޫން، އެކަމަކު ޗޯރު އިބުރޭ ޗޯރު އިބުރޭ ޗޯރު އިބުރޭ އެ މީހުން ގޮވަން ބޭނުމިއްޔާ އެ މީހުން ގޮވުމަކީ އެ މީހުންގެ ހައްގެއް،" އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކަ އަށް ފަހު، ނަޝީދު ވަނީ އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ކުރީގެ ރައީސުންނާ މުހާތަބުކުރުމަށް ބޭނުން ކުރި ވަނަންތައް މެންބަރުންނަށް ހަނދާންކޮށް ދެއްވާފައެވެ. އޭގެ ތެރެއިން އެމަނިކުފާނު ފާހަގަ ކުރެއްވީ:

  • ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހީމް ނާސިރަށް "ކަރުކުރު ބައިސާ"
  • މައުމޫނަށް "ގޮޅާބޯ"
  • ނަޝީދަށް "ގަންޖާބޯ"
  • ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް "ބާގީ ވަހީދު"
  • ކުރީހެ ރައީސް އަބްދުﷲ ޔާމީނަށް "ރާގޮނޑި ރާޖާ" ކިޔާ ކަމަށެވެ.

އެ ނަންތައް މަޖިލީހާއި އެކި ތަންތަނުގައި އެކި ފަހަރު މަތިން ބޭނުން ކޮށްފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"މިއަދު ޗޯރު އިބުރޭ ކިއީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ، އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ނަޝީދު ވިދާޅުވިއެވެ.