ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެނބި ކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވީ ހެޔޮކޮށެވެ. ރައީސަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫނެވެ. ވިސްނަވަން އިންނަވަނީއެވެ.

ވެރިކަމުގެ 5 އަހަރު ނިމިގެން ދާ އިރު، އެހެން އެއްވެސް މީހެއްގެ ފަރާތުން ލިބިވަޑައިނުގަންނަވާ ހާ ބޮޑު ގެއްލުމެއް "އާއިލީ އެކުވެރިޔާ"، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ދަނީ ލިބިވަޑައިގަންނަވަމުންނެވެ.

ވެރިކަމާ ހެދި އެކުވެރިޔާ ވައްޓާލަން ނުވަތަ ބަލިކޮށްލަން ނަޝީދު ނުކުރައްވާ ކަމެއް ނެތެވެ. ސަރުކާރަށް ހަޖޫ ޖެއްސެވުމާއި، ރައީސް ސޯލިހު ރިއެކްޓް ނުކުރައްވާ ވާހަކަވެސް ވިދާޅުވަނީއެވެ. 4 ގަނޑު ފޮޓޯއެއްގެ ވާހަކަ ދައްކަވާ ރައީސްގެ އަބުރުފުޅަށް ވެސް ހުތުރު ކުރައްވައިފިއެވެ. ރަށްރަށުގައި ހުންނަނީ ހުސް ވެލި ފުނިފުނި ކަމަށާއި އަމުދުން ކަމެއް ނުހިނގާ ކަމަށް ވެސް ވިދާޅުވަނީއެވެ.

ހއ. އުތީމު ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމައަށް މާލެ ވަޑައިގެންނެވި އިރު، 2 ބުރި ވި ކަމަށް ކިޔާ ދެކޮމަންޑޫ ގުޅާލައި ވާހަކައަށް ވެސް ނަޝީދު ޖެއްސެވީ ޖޯކެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލްކްޝަނާ ގުޅުވާ، ދައުލަތުގެ ބަޖެޓުގައި ނެތް ހަރަދުތައް ކުރި އެ ދާއިރާއަށް ހައިމާކާއި ކޮންނަ ބޯޓުތައް ގެންގޮސް ދެކޮމަންޑޫ އެއްކޮށްލަން ފެށި މަސައްކަތަށް ވެސް ޖެއްސެވީ ޖޯކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރިމަރީގައި ރިޔާސީ ޓިކެޓް ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމާއެކު، ގެކޮޅުގައި އޮންނަވާނީ ކަމަށް ވިދާޅުވި ނަޝީދު އެއަށް ވުރެ ބާރަށް ނިކުމެވަޑައިގަތީ މައިދާނަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހިތަކަށް ލިބިވަޑައިގެންފައި ވުމުން، ތަޅުމުގެ ވަގުތުގެ ބޭނުން ކުރައްވައިގެން ވަޒީރުން ހާޒިރު ކުރައްވާ ސުވާލު ކުރެއްވުމާއި، ނަޝީދަށް ސަނާ ކިޔާ މެންބަރުންނަށް ބަހުސްގެ ވަގުތު ދެއްވައިގެން ސަރުކާރާއި ރައީސް ސޯލިހަށް "ބެވުމާއި މަލާމާތް" ކުރައްވަނީއެވެ.

އޭގެ ބޭރުން، އެކްޓިވިސްޓުން ލައްވާ، ސޯޝަލްމީޑިއާގައި ވެސް ރައީސާއި ސަރުކާރު ޕްރެޝަރަށް ލައްވަނީއެވެ.

ހަމައަށް އަވަހާރަ ލައްޕަވާނެ ވަގުތުވެސް ރައީސަށް ނުދެއްވާ، ނަޝީދު އިސްވެ ހުންނަވާ ކުރައްވާ ކަންކަން އިތުރު ގިއަރަކަށް ލައްވާ މިހާރު ވަނީ "ވަރުގަދަ ޕާޓީއެއް" އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. ޑިމޮކްރެޓިކް ޕާޓީން އިތުރު ޑިމޮކްރެޓިކް ޕާޓީއެކެވެ. ނަޝީދު އެޕާޓީއެއްގެ ރައީސް ކަމުގައި ހުންނެވި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންކޮޅު އުފުރާލައިގެން ގެންދަވަނީއެވެ. ފިކުރެއް ކުރިއަށް ނެރެ، ބަރުބާރަށް ފޯމު ފުރުމުގެ މަސައްކަތް ކުރަމުން ދާ އިރު، އާ ޕާޓީގެ މެޖޯރިޓީ މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ 13 މެންބަރުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި އެކިއެކި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެކްޓިވިސްޓުން ހިމެނެއެވެ.

އެންމެ ޅަފަތުގައި އެންމެ އަވަހަށް ރަޖިސްޓަރީ ކުރާނެ ޕާޓީއަކީ "ދަ ޑިމޮކްރެޓްސް" ކަމަށް ފެންނަ މި ދަނޑިވަޅުގައި، ސަރުކާރާއި ސީދާ ރައީސް ސޯލިހާ ދެކޮޅު ބޮޑު އޮއެވަރެއް ގައުމުގައި ހިނގަމުން ދާ އިރު ރައީސް އަދިވެސް ހުންނެވީއެވެ.

ޗާގޯސް މައްސަލައިގައި ރައީސް މޮރިޝަސް އަށް ފޮނުއްވި "ސިއްރު ސިޓީފުޅު" އާ ގުޅިގެން ގައުމުގައި ރައީސާ ދެކޮޅު ނުވާ ސިޔާސީ ލީޑަރަކު ނެތެވެ. އާންމުންގެ ތެރެއިން 30،000 އެއްހާ މީހުން ވެސް ދެކޮޅުކަން ހާމަކޮށް ޕެޓިޝަނެއްވެސް ހަދައިފިއެވެ.

މިހުރިހާ ކަމެއްގައިވެސް ރައީސް ނަޝީދުގެ ޝާމިލުވުން އޮތް އިރު، ބޯމަތިވެފައި ވާ ރިޔާސީ އިންތިހާބު ދަނީ ރައީސާ ފެއަށެވެ. އެއްކޮޅަށް ވުރެ ދެކޮޅު ގިނަވެއްޖެއެވެ. އެއް ވިސްނުމަށް ވުރެ ގިނަ ވިސްނުމުން، އެއް އަނގަޔަށް ވުރެ ގިނަ އަނގައިން ރައްޔިތުންނަށް ވިސްނައިދެނީ ދެކޮޅު ވާށެވެ.

ކޮންމެ އިންތިހާބެއް ބޯމަތިވާ އިރު، ރައީސް ނަޝީދައި ބައިވެރިން ކުޅުއްވަނީ މޭ 6 ގެ ކާޑެވެ. ތަހުގީގު ކޮށް ނިންމާ ދައުވާ އުފުލާއި ހުކުމްވެސް ކުރަމުން ދާ އިރު، އާ ވާހަކައެއް ނެތަސް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވައި އެވާހަކަތައް އާ ކުރަނީ، އެ ކާޑު ކުޅެ ހަނދާން އާ ކޮށްދޭށެވެ. އެ ބޭބޭފުޅުން އެވާހަކަތައް ގެންނަވާ ގޮތުންނާއި ދައްކަވާ ގޮތުން، އެއީ ހަމަ ސީދާ ތެދުހެން ބައެއް ރައްޔިތުންނަށް ހީވެއެވެ. ނަމަވެސް އެ ހަމަލާ އާ ގުޅިގެން އެކި އިދާރާތަކުން ހަދާފައި ހުރި ތަހުގީގީ ރިޕޯޓުތަކާއި އަދި މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓުތައް މިއަދުވެސް ފެންނަން އެބަހުއްޓެވެ. އެ ބަލާ ކިޔާ ހަދާ މީހުންނަށް ވުރެ ގިނައީ، މީހަކު ބުނާތީ އެވާހަކަތައް ގަބޫލު ކުރާ މީހުންނެވެ.

ރަށްރަށުގައި ކިތަންމެ ޕްރޮޖެކްޓެއް ކުރިއަށް ދިޔަޔަސް އެއީ އަޅާ ކިޔާން ފެންނަން ހުރި ކަންކަމަށް ބަލާ އިރު ނަމުން "ހައި އިމްޕެކްޓް" ވިޔަސް ކަމުން ހައި އިމްޕެކެތް ޕްރޮޖެކްޓަކެއް ނޫން ކަމަށް ވިސްނައިދެއެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ފެނާއި، ނަރުދަމާ އާއި، ހިޅި ބައްތި ޖެހުމާއި، މަގުފާރުގައި ކުލަ ލުމާއި، ކްލާސްރޫމް އިތުރު ކުރުމާއި، ލެބޯޓަރީއާއި އެނޫންވެސް ވަސީލަތްތައް ލިބެން ޖެހޭނެ ކަމަށް ބުނެއެވެ. އަމުދުން އާބާދީ ބޮޑު އެއްވެސް ސަރަހައްދެއްގައި ފާހަގަ ކޮށްލެވޭ ބޮޑު ޕްރޮޖެކްޓެއް ނުހިނގާ ކަމަށް ބުނެއެވެ. މާލެ ސަރަހައްދުގައި ކަނޑު މެދުން ފެންނަން ހުރި ދަނގަޅު ހޮޅިތައް ދަބަރަށް ވެ ދާނީ ކަމަށް ވިސްނައިދެއެވެ. އިންޑިއާާ އާ ހަވާލު ކުރާ އެއްވެސް މަސައްކަތެއް ނުނިމޭނެ ކަމާއި ދިގުލައި ދާނީ ކަމަށް ގަބޫލު ކޮށްދެއެވެ.

ހާސް ކަންތަކުގައި އިދިކޮޅުން ދައްކަނީ އެއްވާހަކަތަކެކެވެ. ވެރިކަން ކުރާ އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު ބަލި ކޮށްލުމަށް ނަޝީދު އަވަދިނެތި އުޅުއްވާ އިރު، ސިޔާސީ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަންންވާ ގެއްލުން އަގުމަގު ކުރެވޭ ވަރަށް ވުރެ ބޮޑެވެ. ވެރިކަން އަތުނުވާ ހިސާބަށް ގޮސް ނިމޭ އިރުވެސް ނަޝީދަށް ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިނުގެން ހުންނަވަނީ ކޮން ވިސްނެވުމުގައިތޯއެވެ. ކޮން ކަމެއް ރަނގަޅުވެދާނެ ކަމަށްތޯއެވެ. އަހަރެމެނަށް ނުފެންނަ އެހެން ނަތީޖާއެއް ރައީސަށް ފެނިވަޑައިގަންނަވަނީތޯއެވެ.