ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަކަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމް ހަމަޖައްސައިފިއެވެ.

އެމްއެންޕީން ވަނީ އުޝާމް ސްޕޯކްސްޕާސަން އަކަށް ހަމަޖެއްސި އިރު، އެމްއެންޕީގެ ރިޔާސީ ކެމްޕެއިންގެ މެނޭޖަރަކަށް މުހައްމަދު ފަޔާޒް (އެފްއޭ) ހަމަޖައްސާފައެވެ.

އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ނާޒިމް ވާދަކުރައްވަން ނިންމަވާފައިވާ އިރު، އޭނާއަށް ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިހާރު އެ ޕާޓީން ކެމްޕެއިންގެ ކަންކަން ރާވާ ހިންގަމުން އަންނަ އިރު، އެކި ސަރަހައްދުތަކުގައި ކެންޕެއިން ޖަހަތައް ހުޅުވައި، އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި ޕާޓީގެ އާންމު މެންބަރުން ބައިވެރިވެގެން ޖަލްސާ ކުރިއަށް ގެންދާ އިރު، މިހާރު އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާ ރައްޔިތުންނާ އެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.