ދ. މީދޫ މަސްދޯންޏެއް ގައި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގެ މިއަދުގެ އަޑުއެހުންވެސް ކުރިއަށް ނުގެންދެވި، ހުއްޓާލައިފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މެއި20، 2021 ގައެވެ. އޭގެ 2 އަހަރު ފަހުން މިއަދު ބާއްވަން ނިންމި އަޑުއެހުން ކުރިއަށް ނުގެންދެވުނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ވަކީލު ބަދަލުކުރުމާ ގުޅިގެންނެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ޝާހީން މަރާލި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އެ ގައުމުގެ މުހައްމަދު މަސްއޫދު ނަމަކަށް ކިޔާ މީހެކެވެ، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިއަދު މި މައްސަލައިގައި ބާއްވާފައިވަނި ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން، ގޮތެއް ނިންމުމާއި ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ދައުލަތުން މަސްއޫދުއަށް ހަމަޖައްސައިދިން ވަކީލު ވިދާޅުވީ މިހާރު މަސްއޫދު އަމިއްލައަށް އާ ވަކީލަކު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާއަށް ޖަވާބުދާރީވާން އެގޭނީވެސް އެ ވަކީލަށް ކަމަށެވެ.

ދައުލަތުން ހަމަޖެއްސި ވަކީލުގެ ވާހަކަ އާއި ގުޅިގެން ކޯޓުން ވަނީ އެކަމާ ގުޅޭ ގޮތުން މަސްއޫދު އާއި ސުވާލުކޮށްފައެވެ. މި ގޮތުން އަލަށް ހަމަޖެއްސި ވަކީލުގެ މައުލޫމާތު ކޯޓާ ހިއްސާކޮށްފައިނުވާ އިރު މަސްއޫދު ބުނީ މި މައްސަލައިގައި އިތުރަށް ކުރިއަށް ދާން ބޭނުންވަނީ އަމިއްލައަށް އައްޔަންކުރި ވަކީލާއެކު ކަމަށެވެ. އަދި ކޯޓުން އޭނާ އެދުނު ގޮތަށް ކުރިއަށް ދިއުމަށް ފުރުސަތު ދީފައިވާއިރު މި ސަބަބާ ހެދި މިއަދުގެ އަޑުއެހުންތައްވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.