ފ. މަގޫދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިވައިފިއެވެ.
މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވާފައިވަނީ ރޭ އެރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ އޮފީސް އިމާރާތުގެ މައުލޫމާތު ދެމުން ފެނަކައިން ބުނީ އެ ރަށުގައި ކުރިން ހުރި އިމާރާތަށް ނުވަ އަހަރުވެފައިވާ ކަމަށާއި ކުރިން ހުރި އިމާރާތުގައި އޮފީހާއި އިންޖީނުގެ އަށް ހާއްސަކޮށް ވަކި އިމާރާތެއް ނެތް ނަމަވެސް އަލަށް ހުޅުވުނު އިންޖީނުގޭގައި އޮފީސް އިމާރާތަކީ 50x33 ފޫޓު ބޮޑުމިނުގެ ޒަމާނީ އޮފީސް އިމާރާތެއް ކަމަށެވެ.
އަލަށް ހެދުނު އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާއިރު ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިއިރު އެތަނުގައި ހުރީ 3 މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ މިހާރު ހުޅުވުނު އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓީން ރޫމަކާއި މެނޭޖާ ރޫމެއްގެ އިތުރުން ޓެކްނިކަލް ސްޓާފް ރޫމަކާއި ރެސްޓް ރޫމަކާއި ޕޭންޓްރީ އަދި ފާހާނާވެސް ހިމެނޭ ކަމަށެވެ.
ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.