ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި ހުސައިން ޝިފާއުގެ ބަންދުން ދޫކޮށްލައިފިއެވެ.

ޝިފާއު ބަންދުން ދޫކޮށްލައިފާ ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން ޝިފާއުގެ ބަންދަށް 30 ދުވަސްޖަހާފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާއާއި، މަކަރާ ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ 7 ދައުވާއެވެ.

ޕީޖީ އިން ބުނީ ޝިފާއު މި ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ. އިތުރަށް ޕީޖީ އިން ބުނީ މި މައްސަލައިގައި 123،844.54 ޑޮލަރު ހިމެނޭ ކަމަށެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލައެއްގައި ހައްޔަރުކުރި ޝިފާއުވަނީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ވެސް މީހުން އަތުން ފައިސާ ނަގާފައެވެ. އަދި 2021 ވަނަ އަހަރު އޭނާ ފިލައިގެން އުޅެނިކޮށް ފުލުުހުން ވަނީ އޭރު އޭނާ ހޯދަން އިއުލާން ކޮށްފައެވެ.