މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލަގައި ހައްޔަރުކުރި 3 މީހެއްގެ ތެރެއިން އެކަކު ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޓެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 15 ވަނަ ދުވަހު 3 މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހުން ތެރޭގައި ހިމެނެނީ 32 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ އަންހެނެއް ކަމަށާއި އެ އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށްވެސް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން 31 އަހަރުގެ މީހާއަށް 15 ދުވަސް އަދި 28 އަހަރު މީހާއަށް 30 ދުވަސް އަދި 32 އަހަރުގެ މީހާ ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ބުނުން ފިޔަވައި މިކަމުގައި ޝާމިލްވާ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން މި ކޭސްގައި ހިމެނޭ 3 މީހުންގެ ތެރެއިން 2 މީހަކު ދެމަފިރިންނެވެ. އަދި އަންހެން މީހާ، ރާއްޖޭގެ މީޑިއާ އައުޓްލެޓަކާ ގުޅުން ހުރިކަމުގެ އަޑުތައް ވެސް ފެތުރިފައި ވެއެވެ.