ޔޫކްރައިންގައި ކުރަމުން ދާ ހަނަގުރާމަ ދިގުލައި ދާނެ ކަމަށާއި ރަޝިއާ އަށް ކާމިޔާބު ނުވާނެ ކަމަށް އެމެރިކާގެ ޖޮއިންތް ޗީފް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ ވިދާޅުވެއްޖެއެވެ.
މިލޭ ވިދާޅުވީ، ރަޝިއާއަށް ހަނގުރާމަ ކާމިޔާބު ނުވާ ފަދައިން ޔުކްރައިން އަށް ރަޝިއާގެ ހުރިހާ ފައުޖެއް ފަހާ ފޮނުވާލުމަކީވެސް ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރަޝިއާގެ ބޭނުމަކީ އަސްކަރީ ގޮތުން ޔޫކްރައިން ބަލިކުރުމާއެކު އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ ވެރިކަން ވައްޓާލުން ކަމަށެވެ. އެއީ ކާމިޔާބު ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.
އޭނާ މި ވާހަކަ ދެއްކެވީ ޔޫކްރައިންގެ ދިފާއުފައި ހަރަކާތްތެރިވާން އުފައްދާފައި އޮންނަ އެކި އެކި ގައުމުތަކުގެ ވޮލަންޓިއަރުންނާއި ސިފައިން ބައިވެރިވާ ޔޫކްރައިން ޑިފެންސް ކޮންޓެކްޓް ގްރޫޕް ނުވަތަ ރަމްސްޓެއިން ގްރޫޕާއެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.
އިތުރަށް އޭނާ ވިދާޅުވީ، ރަޝިއާ އާ ދެކޮޅަށް ހަނގުރާމަ ކުރަން ރަޝިއާގެ ސިފައިން ވެސް ޔޫކްރައިން ފަޅީގައި އެބަތިބި ކަމަށާއި ޔޫކްރައިނުން ގެއްލުނު ސަރަހައްދުތައް އަނބުރާ އަތުލުމަށް ކުރާ މަސައްކަތުގައި އެމީހުންގެ ބޭނުން ހިފުމަކީ ކީއެވްގެ އެއް އަމާޒު ކަމަށެވެ.
"އެހެންވީމައި ހަނގުރާމަ ދިގުލާނެ، މީހުންވެސް މަރުވާނެ، ގެއްލުން ބޮޑުވާނެ، ކޮންމެވެސް މަރުހަލާއެއްގައި ދެފަރާތުން ހަނގުރާމަ ހުއްޓުމަށް ސުލްހައިގެ ވާހަކަތައް ދައްކާނެ ނުވަތަ އަސްކަރީ އެއްބަސްވުމަކަށް ދާނެ"
އޭނާ އެވާހަކަ ދެއްކެވީ، ހަނަގުރާމަ މިހާރު އޮތް ހާލަތުން ދެފަރާތުން ކުރެ ފަރާތަކަށް ކާމިޔާބު ވާ ތަން ނުފެންނާތީ އާއި ދެފަރާތުން ކުރެ ފަރާތަކުން ސުލްހައިގެ ވާހަކަތައް ދައްކަން ނޫޅޭތީއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރަޝިއާގެ ކުރީގެ ރައީސް އަދި ޕުޓިންގެ އެކުވެރިއެއް ކަމަށް ވާ ޑިމިޓްރީ މެޑްވެޑޭވް ވެސް ވިދާޅުވީ، ހަނގުރާމަ އަހަރުތަކަކަށް ދިގުލައި ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، 10-12 އަހަރަށް ދެމިގެން ދާނެ ކަމަށް ބެލެވޭ ކަމަށާއި ހަނަގުރާމައަކީ އިހަށްދުވަހު ފެށުނު ކަމެއް ނަމަވެސް ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ދެބަސްވުންތައް ހިނގާތާވެސް އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ، ޔޫކްރައިންގެ ވަރުގަދަ ބާރެއް އޮންނަ ނަމަ، 3 އަހަރު ސުލްހަވެފައި އަނެއް ދެއަހަރު އޮންނާނީ ކުރިމަތިލުން ކަމަށެވެ. ދެން އެކަން ދާނީ ތަކުރާރު ވަމުން ތަކުރާރު ވަމުން ކަމަށެވެ.