ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތައް، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މަސައްކަތްކޮށް، ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީގައި ރޭ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރި ކޮށްދެއްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. މިގޮތުން އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރައްވާ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ނިމުމަކަށް އައިސް ފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޔުނިވާސިޓީގެ ލެޗަރައިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަވެސް ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެ ކަމަށާއި، އަދި ކުރިންވެސް ސަރުކާރުން އިއުލާނުކޮށްފައިވާގޮތަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށްޓަވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ޒަމާނީ އިލްމު ފުޅާކޮށް، ތައުލީމުގެ ފުރުސަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވަނީ މިއަހަރުގެ ބަޖެޓުގެ 10.9 ޕަސަންޓް ނުވަތަ 4.6 ބިލިއަން ރުފިޔާ ހާއްސަކޮށްފައި ވާނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ.

އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ހާއްސަކޮށްފައި ވަނީ މަތީ ތައުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައީސް ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.