ރާއްޖެ ތަރައްގީކުރަން ކުރާ މަސައްކަތުގައި މިހާރު ބޮޑު ރަށެއް، ކުޑަ ރަށެއް ތަފާތު ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު މިހެން ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ، ހެންވޭރު ދަނޑުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ނައިބު ވިދާޅުވީ، ފެނަކީ އަސާސީ އެއްޗަކަށް ވާއިރު، އެމްޑަބްލިއުއެސްސީން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުހިއްމު އަސާސީ ހިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެކުންފުނިން މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ނައިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މުހިއްމު ވައުދެއްކަން ފާހަގަކުރައްވާ، އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ގާއިމްކޮށް ހިދުމަތް ދިނުމުގައި އެމްޑަބްލިއުއެސްސީގެ ހީވާގި މުވައްޒަފުން ކުރައްވާ މަސައްކަތަށް ނައިބު ތައުރީފް ކުރެއްވިއެވެ. އަދި ކުންފުނިން މުވައްޒަފުންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވާ މުހިއްމު ދާއިރާތަކުން އެވޯޑްތައް ދެމުންގެންދަވާތީ އެކަންވެސް ނައިބުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

ނައިބު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށްދޭ ޔަގީންކަމަކީ، ކުޑަރަށެއް އަދި ބޮޑުރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި މިސަރުކާރުން ކުރިޔަށް ގެންދެވުން ކަމަށެވެ.

މި ހަފްލާގައި ވަނީ، އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ކުންފުނީގެ މުވައްޒަފުންނަށް އެވޯޑްތައް ދީފައެވެ. މީގެ އިތުރުން އެކުންފުނިންދޭ ޔުނީކް ޕާފޯމަންސް އެވޯޑާއި، ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް ހާސިލް ކުރި މުވައްޒަފުންނަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވީ، ނައިބު ރައީސް ފައިސަލްއެވެ. އަދި މިހަފްލާގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ވަނީ ނައިބަށް ހާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

އެމްޑަބްލިއުއެސްސީ އުފައްދަވާފައި ވަނީ، އޭޕްރީލް 1، 1995 ގައެވެ. އެކުންފުނީގައި މިހާރު 1247 މުވައްޒަފުން މަސައްކަތްކުރާއިރު، މިދައުރުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި 68 މަޝްރޫޢެއް ހިންގުމާއި އެކުންފުނިން ހަވާލުވެފައި ވެއެވެ. އޭގެތެރެއިން 28 މަޝްރޫއެއް މުޅިން ނިންމާ 40 މަޝްރޫއެއްގެ މަސައްކަތްތައް މިހާރުވެސް އެކުންފުނިން ކުރިއަށްދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.