މަކުނުދޫ ފިހާރައެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގެއާއެކު އަނދަމުން އެބަ ދެއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގާތްގަނޑަކަށް މިރޭ 8 ހާއިރު ކަމަށާއި ގޭގައި ދިރިއުޅޭ ހުރިހާ މީހުން ވެސް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ ގެއެއްގެ ހުރި ފިހާރައެއްގައި ކަމަށާއި އަލިފާންގަނޑު ވަރަށް ބޮޑަށް އަނދަމުން ދިޔަ ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އައުޒަމް ވިދާޅުވިއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގޭގައި ރޯވެ، ގޭގެ ބޮޑު ބައެއް އެނދުމުން ގޭގެ ބައެއް ވެއްޓިފައިވާ ކަމަށް ވެސް އައުޒަމް ވިދާޅުވިއެވެ.

އައުޒަމް އިތުރަށް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށާއި ފުރަތަމަ މަސައްކަތް ކުރީ ގޭގައި ދިރިއުޅޭ މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.

އަލިފާން ރޯވަން ދިމާވި ސަބަބު އަދި އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބޮޑު 4 މީހުންގެ އިތުރުން ކުޑަ ކުއްޖަކު ދިރިއުޅެމުން ދިޔަ ގެއެއްގައެވެ.