ހިޓާޗީން ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، "ދޮވުނީ ހިކުނީ"ގެ ނަމުގައި، މި ޕްރޮމޯޝަން ކުރިއަށް ދަނީ މިމަހު 22 އިން ފެށިގެން 22 ޖޫން ގެ ނިޔަލަށް ކަމަށެވެ.

މެޝިންއާއި އެކު ހިލޭ މައިކްރޯވޭވް އަވަންއެއް ލިބޭއިރު އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަގާ އެންމެނަށްވެސް މި ޕްރޮމޯޝަންގެ ދަށުން އަވަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، މި ޕްރޮމޯޝަންގައި ވިއްކާނެ ކަމަށާއި ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިން ތަކެއް ކަމަށެވެ.

އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށްލެވޭވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގޮތުންވެސް ހެޔޮ މެޝިންތަކެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށް ވެސް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފައެވެ.