އެންމެ ސަޕޯޓްކުރާ މީހާ، ނުވަތަ އެމީހަކު ނަމޫނާ އަކަށް ބަލާ މީހާ އާ، މަރުވުމުގެ ކުރިން ބައްދަލުކުރަން ބައެއް މީހުން ބޭނުންވެއެވެ. ކެންސަރު ޖެހިފައިވާ ތުއްތު ކުއްޖަކު މަރުވުމުގެ ކުރިން ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާ އާ ބައްދަލުކުރި ފަދައިންނެވެ.
މި ލިޔުމުގައި މި ހިމަނާލަނީ ވެސްޓް އިންޑިއާ އަށް ނިސްބަތްވާ އަންހެނަކު މަރުވުމުގެ ކުރިން ކުރަން ބޭނުންވި ކަމެއްގެ ވާހަކައެވެ.
ޝިވާނީ ޗަކްރަބަތީ 60، އަކީ ކެންސަރަށް ފަރުވާ ކުރަމުން އަންނަ އެ ބަލީގެ ފަހު ސްޓޭޖްގައި އޮތް އަންހެނެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އެކްޓަރު ޝާހްރުކް ހާން އަށް ސަޕޯޓް ކުރަމުން އަންނަ ޝިވާނީ މަރުވުމުގެ ކުރިން ބޭނުންވީ ޝާހްރުކް އާ ބައްދަލުކޮށްލައި ވާހަކަ ދައްކާލުމަށެވެ. އެކަން މިއަދު ޝިވާނީ އަށް ކާމިޔާބު ވެއްޖެއެވެ.
ފިލްމުފެއާ އިން ބުނީ، ޝީވާނީގެ ނަންބަރު ހޯދުމަށް ފަހު ޝާހްރުކް އޭނާ އަށް ގުޅައިގެން 30 މިނެޓަށް ވުރެ ގިނަ އިރު ވާހަކަ ދެއްކި ކަމަށެވެ. އެ ކޯލުގައި ޝިވާނީ އަށް ފައިސާގެ އެހީތެރިކަން ދޭނެ ކަމަށް ޝާހް ބުނި ކަމަށާއި ކޮލްކައްތާ އަށް ދެން އެންމެ އަވަހަށް ދެވޭ ފަހަރަކުން ޝިވާނީގެ ގެއަށް ދާނެ ކަމަށްވެސް ޝާހް ބުނިކަމަށް ފިލްމުފެއާ އިން ބުންޏެވެ.
ޝާހްގެ މި އަމަލާއެކު އޭނާ އަށް ސަޕޯޓް ކުރާ ގިނަ ފޭނުން އަންނަނީ ޓްވިޓާގައި އޭނާގެ ރަނގަޅު ކަމުގެ ވާހަކަ ދައްކަމުންނެވެ. ޝިވާނީގެ އަންހެން ދަރިފުޅު ޕްރިޔާ، ޓްވިޓާގައި ބުނީ ޝާހްރުކް އެ ދެމައިންނަށް ގުޅައި ވާހަކަ ދެއްކި ކަމަށާއި މަންމަ ރަނގަޅުވޭތޯ ދުއާ ކޮށްދޭނެ ކަމަށްވެސް ބުނި ކަމަށެވެ. އަދި އޭނާ (ޕްރިޔާ) ގެ ކައިވެނި ހަފްލާ އަށްވެސް އަންނާނެ ކަމަށް ޝާހް ބުނި ކަމަށެވެ.