މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ދަރަންޏެއްވާނަމަ އެންގުމަށް އިލެކްޝަންސް ކޮމިޝްންސް (އީސީ)އިން ބުނެފިއެވެ.
އެމްއާރްއެމްގެ ދަރަންޏެއްވާނަމަ އެންގުމަށް އީސީއިން އިއުލާނުކޮށްފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެމްއާރުއެމް އުވާލުމަށް އެ ކޮމިޝަނުން މިއަދު ނިންމުމާ ގުޅިގެންނެވެ.
އީސީއިން ވަނީ އެމްއާރްއެމްގެ ދަރަންޏެއްވާނަމަ އެކަން އެ ކޮމިޝަނުގެ 3322241 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އެންގުމަށް އެދިފައެވެ.
އެމްއާރްއެމްއިން 3000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް އެ ކޮމިޝަނުން ނޯޓިސް ދީފައިވެއެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމްއާރްއެމުން ވަނީ 3000 މެންބަރުން ހަމަކޮށް އީސީއަށް ފޯމް ހުށަހަޅާފައިވާ ކަން 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައެވެ.
އެމްއާރްއެމުން ބުނެފައި ވަނީ 3100 މެންބަރުން ހަމަކޮށް ފޯމް ހުށަހެޅީ އޮންލައިންކޮށް ކަމަށެވެ. އަދި މެންބަރުން ހަމަނުވެ އޮތީ ދާދި ފަހުން އެ ޕާޓިން މެންބަރުންތަކެއް ވަކިވެގެން ތޯ ސުވާލު ކުރުމުން، އެ ޕާޓިން ވަނީ އެކަމާ ދެކޮޅު ހެދާފައެވެ. މީގެ އިތުރުން އެ ޕާޓީ އުވާލަން އުޅޭ ކަމުގެ އެއްވެސް ވާހަކައެއް އީސީން ނާންގާ ކަމަށާއި އަދި އެފަދަ މައުލޫމާތެއް އެ ޕާޓީއާ ހިއްސާކޮށްފައި ނުވާ ކަމަށް އެމްއާރްއެމުން ބުނެއެވެ.
އެމްއާރްއެމަށް ދީފައިވާ މުއްދަތުގައި ފޯމް ހުށަހެޅިކަމަށް ބުނި ނަމަވެސް އަދިވެސް 3000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން އެ ޕާޓީ އުވާލަން ނިންމުމާ ގުޅިގެން މިއަދުން ފެށިގެން އެ ޕާޓީން އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށް 'ދަ ޕްރެސް' މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.
އެ ޕާޓީން މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހެޅި ކަަމަށް ބުނާ ވާހަކައާ ގުޅިގެން ހަބީބް ވިދާޅުވީ، އީސީއަށް 140 ފޯމް ހުށަހެޅި ކަަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ އިދާރީ މަރުހަލާގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ސައްހަ ވީ 66 ފޯމް ކަމަށެވެ. މީގެ އިތުރުން ދާދި ފަހުން އެ ޕާޓީގައި އިސްކޮށް އުޅުއްވި ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށާއި އެ މެންބަރުންނާ އެކު ވެސް އިތުރު މެންބަރުންތައް ކެނޑެން އީސީއަށް ފޯމް ހުށަހަޅާފައިވާ ކަން ހަބީބް ފާހަގަ ކުރެއްވިއެވެ.
ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.