އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސްރު އަދި އިސްލާމީ އިލްމުވެރިޔާ ތޯރިގް ރަމަދާންގެ މައްޗަށް އުފުލި ރޭޕްގެ ދައުވާ އިން އޭނާ ސަލާމަތް ވެވަޑައިގެންފިއެވެ.

ރަމަދާންގެ މައްޗަށް ތުހުމަތު ކުރީ ގެނީވާގެ ހޮޓަލެއްގައި 2008 ވަނަ އަހަރު އަންހެނެއް ރޭޕް ކުރެއްވުގެ ތުހުމަތެވެ. ނަމަވެސް އޭނާ އާ ދެކޮޅަށް އެއްވެސް ސާބިތު ހެއްކެއް ނެތް ކަމަށް ބުނެ ޖެނީވާގެ ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ މިނިވަން ކޮށްފައެވެ.

ސްވިޒަލޭންޑަށް އުފަން ރަމަދާން އާ ދެކޮޅަށް ރޭޕްގެ ތުހުމަތު އުފުލިގެން ދިޔައީ، ދުނިޔޭގެ ކަންކޮޅުތަކުގައި ފުޅާވަމުން ދިޔަ 'މީޓޫ' މޫވްމަންޓާއެކު ޖިންސީ ގޯނާ ކުރިކަމަށް ބުނެ ދެތިން އަންހެނަކު އެވާހަކަ ފެންމަތި ކުރުމުންނެވެ. އެއާއެކު އޭނާ ފްރާންސްގައި ހައްޔަރު ކޮށް 10 ވަރަކަށް މަސް ވާންދެން ގެންގުޅުމަށް ފަހު ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.

އެހުރިހާ ތުހުމަތަކަށް އޭރުން ސުރެ އިންކާރު ކުރައްވަމުން ގެންދެވި ރަމަދާން އަކީ، މިސްރުގެ ބްރަދާހުޑް ޕާޓީގެ ފައުންޑަރު ހަސަން އަލް ބަންނާގެ ދަރިއެވެ.

ރަމަދާން އަކީ، މުސްލިމު ބައެެއް ގައުމުތަކުގައި އޮންނަ ވެރިކަމުގެ ނިޒާމުތަކަށް ފާޑުވިދާޅުވާ މައްސަލައިގައި ތޫނިސް، މިސްރު، ސައުދީ، ލީބިއާ، ސީރިއާ ފަދަ ގައުމުތަކަށް އެރުން މަނާކޮށްފައި ވާ ބޭފުޅެކެވެ. އޭނާ ފާޑުވިދާޅުވާ ކަންކަމުގެ ތެރޭގައި މަރުގެ އަދަބު ދިނުމާއި ޓެރަރިޒަމާ ދެކޮޅަށް ވަކާލާތު ކުރެއްވުން ހިމެނެއެވެ.

2004 ގައި ޓައިމް މެގަޒިން އިން ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ވެސް ހިމެނުނު ރަމަދާން އޮކްސްފޯޑުގެ ޕްރޮފެސަރަކަށް ވީ 2007 ގައެވެ.