ފ. ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއޫގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ.

މި މަޝްރޫއުގެ ދަށުން 55,141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއ،ި 6،933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 261 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 194 މީޓަރުގެ ސަރަހައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރު ތޮށްޓެއް ލުމާއ،ި 188މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 237 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

މީގެ އިތުރުން މޫރިންގ ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 100 މީޓަރުދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއ،ި 1,151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 204 މީޓަރުގެ ކާބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 61.75 މިލިއަން ރުފިޔާއަށް 510 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލުކުރި މަޝްރޫއެކެވެ.