ކުރީގެ ރައީސް މައުމޫން އަބްދުލް ގައްްޔޫމްގެ ސީޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް 3000 މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި މިއަދުން ފެށިގެން އެ ޕާޓީން އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ރީޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ނޯޓިސް ދީފައިވެއެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމްއާރްއެމުން ވަނީ 3000 މެންބަރުން ހަމަކޮށް އީސީއަށް ފޯމް ހުށަހަޅާފައިވާ ކަން 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައެވެ.
އެމްއާރްއެމުން ބުނެފައި ވަނީ 3100 މެންބަރުން ހަމަކޮށް ފޯމް ހުށަހެޅީ އޮންލައިންކޮށް ކަމަށެވެ. އަދި މެންބަރުން ހަމަނުވެ އޮތީ ދާދި ފަހުން އެ ޕާޓިން މެންބަރުންތަކެއް ވަކިވެގެން ތޯ ސުވާލު ކުރުމުން، އެ ޕާޓިން އެކަމާ ދެކޮޅު ހެދިއެވެ. މީގެ އިތުރުން އެ ޕާޓީ އުވާލަން އުޅޭ ކަމުގެ އެއްވެސް ވާހަކައެއް އީސީން ނާންގާ ކަމަށާއި އަދި އެފަދަ މައުލޫމާތެއް އެ ޕާޓީއާ ހިއްސާކޮށްފައި ނުވާ ކަމަށް އެމްއާރްއެމުން ބުނެއެވެ.
އެމްއާރްއެމަށް ދީފައިވާ މުއްދަތުގައި ފޯމް ހުށަހެޅިކަމަށް ބުނި ނަމަވެސް އަދިވެސް 3000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން އެ ޕާޓީ އުވާލަން ނިންމާފައިވާ ކަން މިއަދު ވަނީ އިއުލާންކޮށްފައެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް އިތުރު ތަފްސީލް ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މިއަދުން ފެށިގެން އެ ޕާޓީން އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.
އެ ޕާޓީން މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހެޅި ކަަމަށް ބުނާ ވާހަކައާ ގުޅިގެން ހަބީބް ވިދާޅުވީ، އީސީއަށް 140 ފޯމް ހުށަހެޅި ކަަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ އިދާރީ މަރުހަލާގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ސައްހަ ވީ 66 ފޯމް ކަމަށެވެ. މީގެ އިތުރުން ދާދި ފަހުން އެ ޕާޓީގައި އިސްކޮށް އުޅުއްވި ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށާއި އެ މެންބަރުންނާ އެކު ވެސް އިތުރު މެންބަރުންތައް ކެނޑެން އީސީއަށް ފޯމް ހުށަހަޅާފައިވާ ކަން ހަބީބް ފާހަގަ ކުރެއްވިއެވެ.
މި ސަބަބުތަކާ ހުރެ މިއަދު އިލެކްޝަން ކޮމިޝަންގައި ބޭއްވި ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން އެމްއާރްއެމް އުވާލުމުގެ މަސައްކަތް ފަށަން ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއާރްއެމުން ވަކިވި އިސް މެންބަރުން
- މުހައްމަދު ފައިސަލް - ޔޫއޭއީގެ ޑެޕިއުޓީ އެމްބެސެޑަރު
- ތަޒްމީލް އަބްދުއްސަމަދު - އެމްޓީޑީސީގެ އެމްޑީ
- އަބްދުލް ހަމީދު އަހްމަދު - ޕިޝަރީޒް މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު
- މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ އެމްޑީ
- ޝަޒާއިލް ޝިއާމް - މޯލްޑިވް ގޭސްގެ އެމްޑީ
- އިބްރާހިމް ފަރުހާދު- ޓުރިޒމް މިނިސްޓްރީގެ ސީނިއާ ޕޮލިީ ޑިރެކްޓަރު
- އިސްމާއިލް ނާއިލް ނަޝީދު - ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން
- ހަސަން ހައްޔާން އަހްމަދު - އެމްއާއެމް އެކްސްކޯ މެންބަރެއް
ދާދި ފަހުން އެމްއާރްއެމުން ގިނަ މެންބަރުންތަކެއް ވަކިވެފައި ވަނީ އަންނަ ރިޔާސީ އިންތިހާޞަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްކުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ކަމަށް ވަނީ ބުނެފައެވެ.
ކުރިން ޕީޕީއެމްގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ރައީސް މައުމޫން އެ ޕާޓީގައި ޖެހުނު ހަމަނުޖެހުންތަކަކާއި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ނޮވެމްބަރު 20، 2019 ގައި އާ ސިޔާސީ ޕާޓިއެއްގެ ގޮތުގައި އެމްއެމްއާރް އުފައްދަވާފައެވެ. މިއަދާ ހަމައަށް އައި އިރު އެ ޕާޓީން ސިޔާސީ ހަރަކާތްތައް ހިނގި ނަމަވެސް ވެރިކަމަށް ވާދަކުރައްވާފައެއް ނުވެއެވެ. އެމްއާރްއެމަކީ މި ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ ޕާޓީއެކެވެ.