ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އީވާ އާއި އާއިލާގެ ގުޅުން އޮންނަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ގޯސްވެ، މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ނިންމައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ 50 މެންބަރުންގެ ސޮޔާ އެކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދެވެ. އީވާ ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމީ، އޭނާ އެ ޕާޓީން ވަކިވެ، ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން އިސްވެ އުފައްދަވާ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގެ މަސައްކަތްތައް ފެއްޓެވުމާ ގުޅިގެންނެވެ.
އީވާގެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
"ނިޔާ، ތިޔަ ކުރައްވާ ކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާ މުހައްމަދުބޭގެ ދަރި އެއްލާލަނީ،" ރައީސާ އާއިލީ ގޮތުން ގުޅުން އޮތް ޅ. ހިންނަވަރު ދޭލިޔާގެ މުހައްމަދުގެ ދަރިފުޅު އީވާ ވަކިކުރަން އުޅޭ ކަމަށް ވިދާޅުވެ، ނަޝީދު ނިޔާޒަށް ރައްދުދެއްވައި ކުރެއްވި މެސެޖުގައި ވިދާޅުވިއެވެ.
ނަޝީދުގެ މެސެޖަށް ޖަވާބުދެއްވައި ނިޔާޒް ކުރެއްވި މެސެޖުގައި ވިދާޅުވީ، އީވާ ވަކިކުރުމުގެ މައްސަލަ ހުށަހަޅަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް މިވަގުތު އެގޮތަށް ނިންމެވީ ކަމަށެވެ. އެއާއެކު ނަޝީދު ވިދާޅުވީ، އެމްޑީޕީ އަށް ވެރިކަން ގެއްލުމުން ރައީސާ އެންމެ ގާތުގައި ހުންނަވާނީ އެމަނިކުފާނު ކަމަށެވެ. ނަޝީދަށް ރައްދު ދެއްވައި ކުރެއްވި މެސެޖުގައި ނިޔާޒް ވަނީ، ރައީސްގެ އަރިހުގައި ހުންނަވަންވީ ވަގުތަކީ މިއީ ނޫންތޯ އައްސަވައިފައެވެ.
"ނިޔާ، މި ތަނުގައި ތިބި ހައެއްކަ މެންބަރުން، ނިޔާ އާއި ރައީސަށް ބިރު ދައްކައިގެން ކަންކަން ކުރަމުން ގެންދިޔައީމަ ވާނެ ގެއްލުން މި ވަނީ،" ނަޝީދު ފޮނުއްވި އެހެން މެސެޖެއްގައިވެއެވެ.
"ރައީސަށް ރަނގަޅަށް އެނގިލައްވާނެ އަޅުގަނޑަށް ބިރު ނުދެއްކޭނެ ކަން، އެހެންވިޔަސް އަޅުގަނޑު ކަންކަން ނިންމަނީ ކޮންމެވެސް ހަމައެއް އަޅައިގެން،" ނަޝީދަށް ނިޔާޒް ރައްދު ދެއްވައި ވިދާޅުވިއެވެ.
ނަޝީދުގެ ބަސްމަގު ބެހެއްޓެވި ގޮތުން، ސަރުކާރަށް ތާއީދުކުރައްވާ އެހެނިހެން މެންބަރުން ވެސް ފާޑުވިދާޅުވެ، ވަނީ މެސެޖުކުރައްވައިފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މަޖިލީހުގައި ތުއްތު މަނިކެއް ނުވަތަ ދޭލިޔާގެ މުހައްމަދެއް އެހެން މީހެއް މައްޗެއް ނުވާނެ ކަމަށެވެ.
ބައެއް މެންބަރުން ވަނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ގޮވާލައްވައި މެސެޖުކުރައްވައިފައެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ވަނީ ނަޝީދު މުޅި ގައުމު ފިތުނަކޮށްފި ކަމަށް ތުހުމަތުކުރައްވައި، ނަޝީދު މަގާމުން ދުރުކުރުމަށް އަވަސްކުރަން ފެންނަ ކަމުގައި ވިދާޅުވެފައެވެ.
އެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށެވެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަކިކުރުމަށް ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެހެންކަމުން މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތް ފަށައިފިކަން ހާމަކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، މަގާމު ދިފާއުކުރުމަށްޓަކައި ސިޔާސީ ބޮޑު ކަސްތޮޅެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ހިމެނޭހެން އެމްޑީޕީގެ 12 މެންބަރަކު އެމްޑީޕީން ވަކިވެ، މިހާރު ކުރައްވަމުން ގެންދަވަނީ އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.