ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން ވެރިކަން ނުލިބި ދެވަނަ ބުރަކަށް ގޮސްފައި ވާ އިރު 3 ވަނަ ލިބުނު ސިނާން އޮގާން [ކިންގް މޭކާ] އުރުދުގާނަށް ތާއީދު ކުރަން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުން ވާދަ ކުރާ ރިޔާސީ އިންތިހާބުގައި، މިހާރުގެ ސަރުކާރު [ރަޖަބް ތޮއްޔިބް އުރުދުގާން] އަށް ލިބިވަޑައިގަތީ 49.52 ޕަސެންތް ވޯޓެވެ. ދެވަނަ އަށް ދިޔައީ 44.88 ޕަސެންޓާއެކު އިދިކޮޅު ކެންޑިޑޭޓް ކަމާލް ކިލިކްގަދޮރޫއެވެ. އެ ނަތީޖާ އާ އެކު ދެވަނަ ބުރެއް ބާއްވަން ޖެހިފައި ވާ އިރު 5.17 ޕަސެންޓާއެކު 3 ވަނަ އަށް ދިޔަ ސިނާން އޮގާން، އުރުދުގާނަށް ތާއީދު ކުރަން ނިންމުމުން ދެވަނަ ވުރު އުރުދުގާނަށް ޔަގީންވާނެ ކަމަށް މުރާސިލުން ބުނެއެވެ.

އޮގާން އަރާ ކޮޅަކަށް އިންތިހާބު ނިމޭއިރު، އޭނާ މަޝްހޫރުވެފައި ވަނީ 'ކިންގް މޭކާ' ގެ ގޮތުގައެވެ.

ރާއްޖޭގައި ނަމަ، އެމްޑީޕީއާއީ ޕީޕީއެމް، 1 އަދި 2 ގައި އޮވެ ޖެޕީގެ ލީޑަރު ގާސިމް އިބްރާހިމް 3 ވަނަ އަށް ދާ އިރު، ގާސިމް އަރާ ކޮޅެއް މޮޅުވާ ފޯމިއުލާ އަކީ ތުރުކީގައި ވެސް އިންތިހާބު މިނާ ފޯމިއުލާއެވެ.

ތައުލީމީ ދާއިރާއިން ސިޔާސީ މައިދާނަށް ނިކުންނެވި އޮގާން، ތުރުކީ އިންތިހާބުގައި ވާދަ ކުރީ ވިކްޓަރީ ޕާޓީން ލޯޑް ކުރި ކޯލިޝަންގައި އޭޓީއޭ އެލަޔަންސުންނެވެ.

މިމަހުގެ 28 ގައި އޮންނަ ދެވަނަ ބުރަށް އުރުދުގާން ކުރައްވާ އުންމީދު ބޮޑުވެފައި ވާ އިރު އޭނާ ވިދާޅުވަނީ އޭނާ އަށް ދޭ ވޯޓަކީ ތުރުކީގެ މަސްލަހަތާއި ހަމަޖެހުމަށް ދޭ ވޯޓަކަށް ވާނެ ކަމަށެވެ. ހިޖުރަވެރިންނާ ދެކޮޅު އޮގާންގެ ޕާޓީން އުރުދުގާނަށް ތާއީދު ކުރަން ނިންމީ، އިސްތަންބޫލުގައި އެ ދެފާތުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހުގައި ނަމަވެސް އެއްބަސް ވުމުގެ ތަފްސީލުތަކެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް އޭނާ ބުނީ ވެރިކަމުގެ ބާރާއި ގާނޫނު ހަދާ ބާރުގެ މެޖޯރިޓީ އެއްބަޔަކަށް އޮތުމަކީ، އުރުގާން ޕްރޮމޯޓު ކުރައްވާ ހަމަޖެހުމާއި ސުލްހަ ވެރިކަމަށް އޮތް ހައްލު ކަމަށާއި އުރުދުގާނަށް ތާއީދު ކުރަން ނިންމި ސަބަބަކީ އެއީ ކަމަށެވެ. އޮގާންގެ ނިންމުން އިއްޔެ އިއުލާން ކޮށްފައި ވާ އިރު، އޭނާގެ ޕާޓީއާ އެކު ކޯލިޝަން ހެދި ވިކްޓަރީ ޕާޓީގެ ނިންމުން އަދި އިއުލާނެއް ނުކުރެއެވެ. ހަބަރުތައް ބުނާގޮތުން މިއަދުގެ ވަގުތެއްގައި އެ ޕާޓީން ނިންމާ ގޮތެއްވެސް އިއުލާން ކުރާނެއެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އޮގާން އެގޮތަށް ނިންމި ނަމަވެސް އޭނާގެ ހުރިހާ ސަޕޯޓަރުން އުރުދުގާނަށް ތާއީދެއް ނުކުރާނެއެވެ. ބައެއް މީހުން އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާނެ ކަމަށާއި އަނެއް ބަޔަކު ވޯޓުގައި ބައިވެރި ނުވެ ތިބުން އެކަށީގެން ވާ ކަމަށެވެ.