ބިދޭސީންނަށް މަންފާ ލިބޭގޮތަށް، ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ބޮޑު އަދަދުން ޖޫރިމަނާކޮށް ރަޖިސްޓްރީ ބާތިލުކުރުމަށް ނިންމާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދު އިސްލާހުކޮށް ގެޒެޓް ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި މި ގަވައިދުގައި ވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ތަންތަން އިންސްޕެކްޓް ކުރާއިރު އެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ނުވަތަ ނަގަން ޖެހޭ އިތުރު ހުއްދަތައް ނުނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިޔަފާރި ކުރާ ތަނުގެ ބޭރުގައި މުދާ ބަހައްޓާނަމަވެސް ފިޔަވަޅު އަޅާނެ ކަމަށް މި ގަވައިދުގައި ވަނީ ބުނެފައެވެ. މި ގޮތުން އެފަދަ ފަރާތްތައް އެއްލައްކަ ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރުމަށް ނިންމާފައި ވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިސްލާހު ކުރެވުނު ގަވައިދުގައިވާ ގޮތުން އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާއި ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް ކަނޑައަޅައި ފިޔަވަޅު އެޅުމުގެ ބާރު، ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ހާލަތުގައި ވިިޔަފާރީގެ މަސްއޫލުވެރި ފަރާތް، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް މި ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ ފަރާތެއް ކަމުގައި ކަނޑައަޅާ ވިޔަފާރީ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށްވެސް ގަވައިދުގައި ވަނީ ބުނެފައެވެ.