އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ ކުރިން އޭނާގެ ފިރިމީހާގެ ލޯބިވެރިޔާ އައިޖީއެމްއެޗްގެ ނަރުސް، ހަލީމަތު ލަމްހާ އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހެޅި ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

އެ މައްސަަލާގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ. އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ މޭރީއާއެކު އައިޖީއެމްއެޗްގެ ޑައިލިސިސް ޑިޕާޓްމެންޓްގައި މަސައްކަތްކުރި މޭރީގެ އެކުވެރިއެއްގެ އާއި މޭރީ މަރުވި ދުވަހު އައިޖީއެމްއެޗްގެ އީއާރުން މޭރީއަށް ފައުވާދިން ޑޮކްޓަރާއި ލަމްހާ ދިރިއުޅުނު ކޮޓަރި ބަލާ ފާސްކުރި، ސީން އޮފް ކްރައިމް އޮފިސަރެއްގް ހެކިބަހެވެ.

އެ ނަރުހުގެ މީހާ ހެކިބަސް ދެމުން ބުނީ އޭނާއާ މޭރީއާ ދެމެދު ގާތްގުޅުމެއް އޮންނަ ކަމަށާއި އަމިއްލަ ދިރިއުޅުމާ ގުޅޭ ވާހަކަތައްވެސް މޭރީ އޭނާއާ ހިއްސާކޮށްފައިވާ ކަމަށެވެ. މާވިންއާއި ލަމްހާއާ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމުގެ ވާހަކަތައްވެސް މޭރީ އެނާއަށް ހިއްސާކުރިކަން ފާހަގަކުރަމުން އޭނާ ބުނީ މޭރީއަށް އެ ގުޅުން އިނގުނީ މާވިންގެ ފޯނުން އެ ދެމީހުން ދައްކާފައި ހުރި ވާހަކަތަކާއި ފޮޓޯތަތަކެއް ފެނިގެން ކަމަށެވެ.

މޭރީއަށް ނުދަންނަ ނަންބަރަކުން މެސެޖުކޮށް ފުރައްސާރަކުރިކަން މޭރީގެ ފަރާތުން އޭނާއަށް އެނގިފައިވާއިރު ރާއްޖެއިން އޭނާއަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ފަހަތުގައި ހުންނާނީ ލަމްހާ ކަމަށް ވެސް މޭރީ ވަނީ އެނާގެ އެކުވެރިޔާ ގާތު ވަނީ ބުނެފައެވެ. އަދި ލަމްހާގެ ފަރާތުން މޭރީއާ ދެކޮޅަށް ފުރައްސާރަ ކުރުމުގެ މައްސަލައެއް އޭރު ފުލުހަށް ހުށަހަޅާފައިވާއިރު އެ މައްސަލާގެ ބަޔާން ނަގާފައިވަނީ ސީކްރެޓް ރެސިޕީއިން ކަމަށް ވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ.

އެ މައްސަލާގައި ފުލުހުން މޭރީއަށް ގުޅާ ބަޔާން ދިނުމަށް އެދި ސީކްރެޓް ރެސިޕީއަށް ގެންގޮސް ފުލުހުން ބުނެފައިވަނީ އެކަން އެގޮތަށް ކުރި ލަމްހާގެ އާއިލާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން އޮންނާތީ އެކަން ސިޔާސީ ވެދާނެތީ ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ.

މޭރީ މަރުވި ދުވަހު ކަންތައްތައް ހިނގި ގޮތް ކިޔައިދެމުން ހެކިވެރިޔާ ބުނީ އޭނާއާ އެއްކޮށް ޑިއުޓީގައި އުޅުމަށްފަހު މެންދުރު 12 ޖަހާއިރު މޭރީ ބްރޭކަށް ގެއަށް ދިޔައީ އާއިލާއާއެކު ޗުއްޓީއަށް ދިއުމަށް އެޗްއާރުގައި އޮތް އޭނާގެ ޕާސްޕޯޓުވެސް ހިފައިގެން ކަމަށެވެ. އަދި ދިޔައިރުވެސް މޭރީ ހުރީ ވަރަށް ހަމަޖެހިލައިގެން ކަން އޭނާ ފާހަގަކުރިއެވެ. އެއަށްފަހު މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެނައުމުން އެކަމާ ގުޅިގެން މާވިން އާ ސުވާލުކުރުުން އެކަން އެހެންވީ ގޭތެރޭގައި ހިނގި ޒުވާބަކަށްފަހު ބޭރަށް ނިކުތް ގަޑީގައި ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ.

ދެން ހެކިބަސްދިން ޑޮކްޓަރު ބުނެފައިވަނީ މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވިންދު ނެތް ކަމަށާއި މޭރީގެ މޫނު އޭރު ވަރަށް ބޮޑަށް ރަތްވެފައިވާ ކަމަށެވެ. އެހެންނަމަވެސް ކަރުގައި އެއްވެސް ނިޝާނެއް ނެތް ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

މީގެ އިތުރުން ލަމްހާ ދިރިއުޅުނު ކޮޓަރު ބަލާ ފާސްކުރި ފުލުހުންގެ އޮފިސަރު ވަނީ އެ ކޮޓަރުން ސިރިންޖާއި ލެޕްޓޮޕާއި އެހެނިހެން އިތުރު ތަކެތި ނެގި ކަމަށް ބުނެފައެވެ.

މި މައްސަލާގައި ލަމްހާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11 ޖަހާއިރަށް ތާވަލްކޮށްފައިވާއިރު މާދަމާވެސް ކުރިއަށް ގެންދަން ތާވަލްކޮށްފައިވަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.