ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް (17އ) އެވެ.

ފުލުހުން ބުނީ، އެކުއްޖާ ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނާފިއު ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރި މަސައްކަތުން ނާފިއު ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ނާފިއު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުން ވާނުވާއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.