ރާއްޖެ އާ ހާރިޖީ ގުޅުން އެއްވެސް ގޮތަކަށް ނެތް ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އިސްލާހުކޮށް، މަޖިލީހަށް އަލުން ފޮނުވައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މަޖިލީހަށް ރައީސް ފޮނުއްވި ސިޓީ އަކީ ޗައިނާ އަށް ރާއްޖޭން މިހާރު ކަނޑައަޅާފައިވާ ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެކެވެ. ނަމަވެސް އެ ސިޓީ ފޮނުއްވާފައި ވަނީ "ރިޕަބްލިކް އޮފް ޗައިނާ،" ނުވަތަ ޓައިވާނަށް ސަފީރަކު ހަމަޖައްސަން ލިޔުއްވާފައެވެ.

ރަނގަޅު ގޮތަކީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"އެވެ. އެހެންކަމުން ޓައިވާނަށް ސަފީރަކު ހަމަޖައްސަން ރައީސަށް ލިޔުއްވުނީ އޮޅިގެންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެ ސިޓީ އިސްލާހުކުރުމަށް ފަހު މަޖިލީހަށް އަލުން ފޮނުވާފައިވާ ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ މައްޗަށް ޗައިނާ ކުރި ހޯދައި 1945 ގައި ޓައިވާން އަތްދަށުލިއެވެ. އޭގެ ފަހުން އެތެރޭގެ ކޯޅުން ގަނޑެއްގައި ނެޝަނަލިސްޓުންނާއި ކޮމިއުނިސްޓުން ތަޅާފޮޅައިގަނެ ކޮމިއުނިސްޓުން ކާމިޔާބު ކުރުމުން، ނެޝަނަލިސްޓް ޕާޓީގެ ލީޑަރު ޗައިނާ ދޫކޮށް ޓައިވާނަށް ދިޔައެވެ. އެހާ ހިސާބުން އަމިއްލަ ވެރިކަމެއް ކުރަމުން އައި ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ގަބޫލު ކުރަނީ ޓައިވާނަކީ ޗައިނާގެ ރަށެއް ކަމަށެވެ.

ރާއްޖޭން ޒަމާނުއްސުރެ ތާއީދުކުރަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބުނާ ބުނުމަށެވެ.

އެ މައްސަލައިގައި ކަން ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފްސީލުކޮށްދީ މައާފަށް އެދިފައިވާ ކަމަށް، ޗައިނާގެ ސަފީރު ވާން ލީޝިން މިދިޔަ ހުކުރު ދުވަހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޒަމާންވީ "ވަން ޗައިނާ" ސިޔާސަތު ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދީފައިވާ ކަމަށެވެ.