އެމްޑަބްލިއުއެސްސީގެ ބޭނުމަށް "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ތައްޔާރު ކޮށްދިން ޕާޓިކަލްސް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ، ޕާޓިކަލްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް އެމްޑަބްލިއުއެސްސީން ފައިސާ ނުދޭ ކަމަށާއި، އެ ކުންފުނީގެ އައިޓީ މެނޭޖަރުން "ކަޓް" ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި ޕާޓިކަލްސްއާ ދެމެދު ކަން ހިނގާފައިވާ ގޮތް ބެލި އިރު އެ ކުންފުނިން ކުރި ޓްވީޓްގައި ބުނެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން މީސްމީޑިއާގައި ހަބަރު ފަތުރާ ބައެއް ވަސީލަތްތައް މެދުވެރިކޮށް ދައުރުވަމުންދާ ހަބަރަކީ ވެސް ހަގީގަތާ ހިލާފް ހަބަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާ ކަމަށާއި ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަރުގެ އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ހަމައެއާއެކު ޕާޓިކަލްސްއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް ދޭން ޖެހޭ ފައިސާ އުސޫލުތަކާ އެއްގޮތަށް ދެމުން އަންނަ ކަމަށް ބުނެފައި ވެއެވެ. ހާއްސަކޮށް ޕާޓީކަލްސް އިން ކޮށްދިން މަސައްކަތަށް ލިބެންޖެހޭ ފައިސާ ކަނޑައަޅާފައިވާ މުއްދަތަށް ދިނުން ލަސް ވެސް ނުވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.