ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އެއްކޮށް އަނދާ އެ ގޭގައި އުޅުނު މީހުން ހާލުގައި ޖެހުމުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައި ވަނީ ސ. ހިތަދޫ، މާކޯޅީގެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުން ބުނީ ރޭ ދަންވަރު ހިނގި މި ހާދިސާގައި ގެ އެއްކޮށް އަނދާ ދިރިނޫޅެވޭ ވަރު ވެފައި ވާ ކަމަށެވެ. އެ ގޮތުން އެގޭގެ 70 ޕަސެންޓް އަނދާފައި ވާއިރު ކައުންސިލުން މިހާރު އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިތުރަށް ބުނީ މި ހާދިސާ ހިނގި އިރު އެގޭގައި 7 މީހަކު ދިރިއުޅެމުން ދިޔަކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑު ދެމީހުންނާ، ކުޑަ ފަސްކުދިން ކަމަށެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ކުޑަކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު އަދިވެސް ދެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

"ފަސް ކުދިންގެ ތެރެއިން 8 މަހުގެ ކުއްޖާ އާއި 7 އަހަރުގެ ކުއްޖާއަށް ފަރުވާ ދެނީ ހޮސްޕިޓަލުގަ. އެ ދެކުދިންގެ ހާލުވެސް މިހާރު ރަނގަޅު. އެކަމަކު ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައި ވަނީ" ކައުންސިލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ ރޭ އައްޑޫ ސިޓީއިން ކަރަންޓް ދިއުމުން އެގޭގައި ރޯކޮށްފައި ހުރި އުއްބަތިއަކުން ކޮޓަރިތެރޭގައި ރޯވެގެންނެވެ.

މިހާދިސާ ހިނގުމަށް މެދުވެރި ސަބަބު އިތުރަށް ދަނީ ބަލަމުންނެވެ.