އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިޖީއެމްއޗްގެ ނަރުސް ހަލީމަތު ލަމްހާ އަދި މޭރީގެ ފިރިމީހާ، މާވިން އެސް ވައި ވާގަސްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ 2021 ވަނަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން ލަމްހާގެ މައްޗަށެވެ.

ލަމްހާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާތަކުގެ އަޑުއެހުން މާދަމާ ހެނދުނު 9:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

ތިން މަސްފަހުން މި މައްސަލާގެ އަޑުއެހުމެއް ތާވަލްކޮށްފައިވާއިރު އެންމެފަހުން އެ މައްސަލާގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހެވެ. އެ ދުވަހު ތިން މީހެއްގެ ހެކިބަސް ނަގާފައިވާއިރު މާދަމާގެ އަޑުއެހުމުގައިވެސް ތާވަލްކޮށްފައިވަނީ ހެކިބަސް ނެގުމަށެވެ.

އެންމެ ފަހުން ހެކިބަސް ނަގާފައިވާ ތިން މީހުންނަކީ ފުލުހުގައި މަސައްކަތް ކުރާ ލަމްހާގެ އެކުވެރިއެއް ކަމަށްވާ މުހައްމަދު މުބީންއާއި އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް ކަމަށްވާ މަރިޔަމް ލައުޒާ އިތުރުން ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެއް ކަމަށްވާ އާދަމް މުހައްމަދެވެ.

މުބީން ބުނީ އޭނާއަށް ލަމްހާ އާއި މާވިންގެ ގުޅުން ލަމްހާ ހިއްސާކުރަމުން ދިޔަ ކަމަށާއި މާވިން އާއި ލަމްހާ ދައްކާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްތައް މާވިންގެ ފޯނުން ފެނިގެން މޭރީއަށް އެ ސިއްރު ގުޅުން އެނގިގެން ދިޔަކަން އެނގޭ ކަމަށެވެ. އަދި އެކަންތައްތައް ސުލްހަކުރުމަށް ލަމްހާ އެދުމުން މޭރީއާ ވަރަށް ގިނައިން ގުޅާ އަދި މެސެޖުކޮށް ވާހަކަދެއްކި ކަމަށާއި މޭރީއާ ބައްދަލުކުރި ކަމަށްވެސް މުބީން ވަނީ ބުނެފައެވެ. އަދި މާވިން އިސްލާމްވިތޯ ބެލުމަށް މޭރީ އެދުނު ކަމަށްވެސް މުބީން ބުންޏެވެ.

މޭރީ މަރުވި ދުވަހު ލަމްހާ ގުޅިކަމަށާއި ދެއްކީ މޭރީ އަމިއްލަ ނަފްސަށް ގެއްލުންދީ މާވިން ޑީޕޯޓްކުރަން މަސައްކަތް ކުރަން އުޅޭ ވާހަކަތައް ކަމަށާއި މޭރީ މަރުވިފަހުންވެސް ލަމްހާ ގުޅާ އެހަބަރު ދިން ކަމަށާއި އެ ދުވަހު އައިޖީއެމްއެޗުން ލަމްހާއާ ބައްދަލުވިއިރު މޫނު މޫނު މަތިން އެއްވެސް ވަރަކަށް ދެރަވުމުގެ އިހުސާސެއް ފެންނަން ނެތް ކަމަށާއި ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިލައިގެން ހިނިތުން ވެފައި ކަމަށް ވެސް މުބީން ބުނެއެވެ.

މުބީން ބުނީ އެ ދުވަހަށްފަހު އެ މައްސަލާގައި ދެން ވާނެ ގޮތަކާ ގުޅިގެން ލަމްހާ އެކި ފަހަރުމަތިން ގުޅާ ސުވާލުކުރި ކަމަށާއި މުބީންގެ އިތުރުން އެހެން މީހުންނަށް ގުޅާވެސް އެ ސުވާލުކުރި ކަމަށެވެ.

އާދަމް މުހައްމަދު ބުނީ މާލޭގެ އެކި ސަރަހައްދުތަކާއި މޭރީ އުޅުނު ގޭގެ ކެމެރާގެ ވީޑިއޯ ފުޓޭޖްތައް ތަހުލީލުކުރިއިރު ވީޑިއޯތަކުން ފެންނަނީ މާވިން ކަން ޔަގީންކަމާ އެކު ބުނަން އެނގުނަސް ދެން ފެންނަ މީހަކީ ލަމްހާ ކަން ޔަގީން ނުވާ ކަމަށެވެ.

ދެން ހެކިބަސްދިން އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް ކަމަށްވާ މަރިޔަމް ލައުޒާ ބުނީ މާވިންއާ ސުވާލު ކުރުމުން މޭރީ މަރުވީ ބެޑް ޝީޓެއް ބޭނުންކޮށްގެން ކުޑަދޮރެއްގައި ދަންޖެހިގެން ކަމަށް ބުނި ކަމަށާއި މޭރީ މަރުވެފައި އޮތް އިރު މީނު ރަތްވެ، ލައިގެން ހުރި ހެދުން ތެމިފައިވާ ކަމަށެވެ. އަދި ފައިގައިވެސް ޒަހަމްތަކެއް ހުރި ކަމަށް ލައުޒާ ބުންޏެވެ. އަދި އެ ގެއަށް ދިޔައިރު ކުޑަދޮރު ކައިރީގައި ވެއްޓިފައި ބެޑްޝީޓެއް އޮތް ކަމަށާއި އެތަނުގައި ސިރިންޖް ހުސްކުރި ޕެކެޓަކާއި ފަސް ލީޓަރުގެ ފެން ފުޅިއެއް އޮތް ކަމަށް ލައުޒާ ވަނީ ބުނެފައެވެ.

މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ދައުލަތުން އެއް ހެކިތަކެއް ހުށަހަޅާފައިވެއެވެ. އެއީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކާއެކު ޖުމްލަ 110 ހެއްކެވެ. އަދި ލަމްހާގެ މައްޗަށް އެ ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.