މިލްކުވެރިކަމާ ހެދި އިންޑިއާއި، ޗައިނާ އަދި ޕާކިސްތާންގެ މެދުގައި ދެބަސްވުން އޮތް ކަޝްމީރުގައި އޮންނަ ފަތުރުވެރިކަމާ ގުޅޭ ޖީ20 ގެ ބައްދަލުވުން ބޮއިކޮޓް ކުރާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ، އިންޑިއާ އާއި ޕާކިސްތާން ފުށޫއަރާ ކަޝްމީރުގައި ޖީ20 ގެ ބައްދަލުވުން ބޭއްވުމާ މެދު މީގެ ކުރިންވެސް ޗައިނާ އާއި ޕާކިސްތާނުން ދިޔައީ ދެކޮޅު ހަދާ އެކަން ނުކުރުމަށް އިންޑިއާ އަށް ގޮވާލަމުންނެވެ.

ނަމަވެސް އެ އަޑު ނާހާ އިންޑިއާއިން ކުރިއަށް ދީޔުމުން އެ ބައްދަލުވުން ބޮއިކޮޓު ކުރިކަން އިއުލާން ކޮށް ޗައިނާއިން ބުނީ، ފުށޫއަރާ އަދި ހިޔާލުތަފާތު ސަރަހައްދެއްގައި ޖީ20 ބޭއްވުމާ މެދު ޗައިނާއިން ކަނޑައެޅިގެން ދެކޮޅު ކަމަށާއި ބައްދަލުވުމަށް ނުދާނެ ކަމަށެވެ.

1947 އިން ފެށިގެން އިންޑިއާ އާއި ޕާކިސްތާނުން ތަޅާ ފޮޅާ އެއްމައްސަލައަކީ ކަޝްމީރުގެ މިލްކުވެރިކަން ހޯދުމުގެ މައްސަލައެވެ. ދެގައުމުން ވެސް ބޭނުން ވަނީ ކަޝްމީރު އެކަށެވެ. މި ކޯޅުންގަނޑު ނުނިމި ދަމުން ގޮސް 2019 ގައި އިންޑިއާއިން ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅި އަކީ އިންޑިއާގެ ފެޑެރަލް ސްޓޭޓެއް ކަމުގައި ކަނޑައެޅުމުން މަޝްރަހް އިތުރަށް ގޯސްވެ ޕާކިސްތާނާ ވަނީ އެކަމުގައި ގުޅުން ކެނޑިފައެވެ.

އިންޑިއާއިން ފެޑަރަލް ސްޓޭޓެއްގެ ގޮތުގައި ކަޝްމީރުގެ ބައި ކަނޑައެޅުމާ ހަމައަށް ވެސް އަދި މިހާރުވެސް އެ ސްޓޭޓްގައި ދިރިއުޅޭ ފަރާތްތަކުން ގެންދަނީ އެކަމާ ދެކޮޅު ހަދާ އިންޑިއާ ސިފައިންނާ ކުރިމަތިވެސް ލަމުންނެވެ. އެތާނގައި ދިރިއުޅޭ މުސްލިމުން ބޭނުންވަނީ ޕާކިސްތާނާ ގުޅޭށެވެ. ނަމަވެސް އެތަނަކީ އިންޑިއާގެ ތަނެއް ކަމަށް ބުނެ، އަސްކަރީ ބާރާއެކު ފޯރި މަރަމުން ދާއިރު، އެސަރަހައްދުގައި އޮންނަ ލަދާކްގެ މިލްކުވެރިކަމާ މެދު ދައުވާ ކުރާ ގައުމަކީ ޗައިނާއެވެ. އިންޑިއާއިން ވެސް ލަދާކްގެ ބައެއް ކޮންޓްރޯލް ކުރެއެވެ.

ނިދިޔަ 2020 ގައި އެސަރަހައްދުގައި އިންޑި އާއި ޗައިނާ ސިފައިންގެ ކުރިމަތިލުމެއްގައި އިންޑިއާގެ 20 ސިފައިން މަރުވެފައި ވާ އިރު، އިންޑިއާ އާއި ޗައިނާ އާ ދެމެދު ގުޅުން ގޯސްވެފައި އޮންނަ އެއް މައްސަލައަކަށް އެމައްސަލަ ވެއެވެ.

މި ނުތަނަވަސްކަން މިހެން އޮތަސް ޖީ20 ގެ ބައްދަލުވުން އޮންނާނެ ކަމަށާއި އެކަން ބަދަލު ނުކުރާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.