މާލެއިން ސައިކަލެއް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ މައްސަލައަކީ ހދ. ހަނިމާދޫ، ފުއްޓަރު، އަސްއަދު އަލީ އާއި ހއ. ކެލާ، ކުރަނގާފުށި، އަހްމަދު ރަޝީދު ސެޕްޓެމްބަރު 2، 2020 ދުވަހުގެ 12:15 އެހާއިރު މަޖީދީމަގުގައި ހުންނަ ހީނާމާގެ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ރަޖިސްޓްރީ ނަންބަރު P5532 ގެ AA0D ސައިކަލު ވަގަށް ނަގާފައިވާތީ ވައްކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
އެ މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާތަކަށް އެ ދެ މީހުންވެސް ވަނީ އިންކާރު ކޮށްފައެވެ. އެހެންނަމަވެސް އަސްއަދުއާއެކު އެ ސައިކަލުގައި ދިޔަ ކަމަށާއި އެހެންނަމަވެސް އެ ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއްކަން ނޭނގޭ ކަމަށް އަހުމަދު ރަޝީދު ވަނީ ބުނެފައެވެ.
ހުކުމުގައި ބުނެފައިވާ ގޮތުން އެ ހާދިސާ ހިނގި ގޮތް އަސްއަދަށް ނޭނގެނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށް އޭނާ ވަނީ އެއްބަސް ވެފައެވެ.
ހުކުމުގައި ބުނެފައި ވަނީ އެ ސައިކަލު ވަގަށް ނަގަފައި ވަނީ ސައިކަލުގެ ވެރިފަރާތުން އެތަނުގައި ސައިކަލު ބެހެއްޓުމަށް ފަހު ހޮޓަލަކަށް ސައިބޯން ދިޔަ ގަޑީގައި ކަމަށާއި އޭނާ ސައި ބޮއެގެން އައިިއިރު ސައިކަލު ވަނީ ވަގަށް ގެންގޮސްފައެވެ.
ތަޅުތާލައި ހުރި އެ ސައިކަލު ވަގަށް ނަގާފައި ވަނީ އަސްއަދު އަތުގައި އޮތް ތަޅުދަނޑިއެއް ބޭނުން ކޮށްގެން އިންޖީނު ސްޓާޓް ކޮށްގެން ކަމަށާއި އެ ދެ މީހުންވެގެން އެ ސައިކަލުގައި މަގުމަތީގައި އުޅެނިކޮށް ފުލުހުން ހިފަހައްޓާފައިވާ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.
މި މައްސަލާގައި އެކަށީގެންވާ ވަަރަށް ހެކި ނެތުމުން ކުށް ސާބިތުވެފައި ވަނީ އަސްއަދުގެ މައްޗަށް ކަމަށްވާއިރު އޭނާގެ މައްޗަށް ވަނީ 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޖަލު އަދަބެއްގެ ގޮތުގައި އަސްއަދު ތަންފީޒު ކުރަން ޖެހޭނީ 2 އަހަރާއި 4 މަހާއި 10 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.